ދީން
ހެޔޮ ކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު: ހުކުރު ޚުތުބާ

ޢިލްމު އުގެނުން
ހެޔޮ ކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ޢިލްމު އުގެނުމުގެ މާތްކަން" މިމައުޟޫއަށް އިއްވި މިއަދުގެ ހުކުުރު ޚުތުބާގައި ބުނެފައިވަނީ ކީރިތި ޤުރުއާނުގައި މާތް ﷲ އާއި އެ ކަލާނގެ މަލާއިކަތުންގެ ވާހަކަ ވަޙީކުރެއްވުމަށް ފަހު އެއާ ވިދިގެން ޢިލްމުވެރިންގެ ވާހަކަގެންނަވާފައިވާ ކަމަށާއި، މި ކަމުން ޢިލްމުވެރީންގެ ޝަރަފާއި، މާތްކަމާއި، މަތިވެރިކަން ހާމަވެގެންދާކަމަށެވެ.
މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަޤްވާވެރިވާ މީހުންނަކީ، ޢިލްމު އުނގެނި އެ ޢިލްމާ އެއްގޮތަށް ޢަމަލުކުރާ މީހުން ކަމަށާއި، އެ މީހުން މާތްﷲ އަށް ތަޤްވާވެރިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ތަޤްވާވެރީންނަކީ އެންމެ މާތް މީހުންކަމުގައި ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވާ ކަމަށްެވެސް ޚުތުބާގައި ބުނެފައިވެއެވެ.
މީގެއިތުރުން ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ ޢިލްމުކަމަށާއި، ނަބީބޭކަލުންގެ ވާރިޘުންނަކީ ޢިލްމުވެރީންކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
ޢިލްމުގެ މަޤާމު މަތިވެރި، ޢިލްމު އުނގެނުމަށް، ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަރަށް ބޮޑަށް ބާރު އެޅުއްވެވި، ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުޠު ކުރެއްވުމުން މިކަން ދޭހަވޭ.
ހުކުުރު ޚުތުބާގައި ބުނެފައިވެއެވެ.
އަހަރެމެންގެ ތެރޭގައި އެ ހެޔޮ ކަމަށް އެދޭ މީހުން ޝަރުޢީ ޢިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށާއި، ޢުމުރުން ކޮންމެ ދުވަހަކީ ވެސް ޢިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެހެނީ ޢިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާ އާއި ލާބަހުރި ކަމެއްކަމަށާއި، އަދި ޢިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް، އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ ޢިލްމެއްގެ ފައިދާ ކުރާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް، ބާޠިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިޠާނާ ވިސްނައިދީފާނެކަަމަށާއި، އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން ވެސް މަގުފުރައްދައިފާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އެހެނެއްކަމަކު ޢިލްމު ވެރިޔާ މަގުފުރައްދާކަށް ޝައިޠާނާއަކަށް ފަސޭހައެއް ނުވާނެކަމަށާއި، އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ ޢިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ވެސް ހެޔޮ މަގަށް އަޅުވަން މަސައްކަތްކުރާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ދީނީ ޢިލްމު އުނގެނުން، ކޮންމެ މުސްލިމަކަށް ވެސް ވާޖިބުވެގެން ވާކަަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދިހަމައެހެންމެ ޢިލްމު އުނގެނުމަށް، މާތް الله ގެ ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް އެހައި ބޮޑަށް ބާރުއަޅުއްވައިފައިވަނީ އެހެންވެ ކަމަށާއި އަދި އެ ކަމަށް އެދި ދުޢާކުރުމަށް ވެސް ކީރިތި ޤުރްއާނުގައި އަންގަވައިފައި ވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މާތް ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުފުޅުތަކަށް ތަބަޢަވެ، ދީނުގެ ޢިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށާއި، އެ ކަމުގެ މާތް ދަރަޖައާއި ހެޔޮކަން ލިބިގަތުމަށް ޚުތުބާގެ ނިމުމުގައި ނަސޭހަތް ތެރިވެފައިވެއެވެ. އަދި ދީނީ ޢިލްމުން ދުނިޔެއާއި އާޚިރަތުގެ މަގު އާރާސްތުކުރުމަށާއި، އަމިއްލަ ނަފުސާއި، އަނބިދަރީންނާއި، އަވަށްޓެރީންނާއި، މުޅި އިންސާނީ މުޖުތަމަޢަށް އަމާންކަމައި ރައްކާތެރިކަމާއި ކާމިޔާބީ ހޯދައިދިނުމަށްވެސް އިރުޝާދު ދީފައިވެއެވެ.