ކުޅިވަރު
ސިޓީގެ އުދަރެހުން އެރި އެންމެ އަލިގަދަ އެއް ތަރި އޮއްސެނީ

ޕްރިމިއާރ ލީގު ކާމިޔާބުކުރުމަށްފަހު ޑި ބްރޫނޭ އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް
އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީގައި އެންމެ ގަދަޔަށް ވިދާލި އެއް ތަރި ކަމުގައިވާ، އެ ޓީމުގެ މިޑްފީލްޑަރ، ކެވިން ޑި ބްރޫނޭ މި ސީޒަނަށްފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަން އިއުލާންކޮށްފިއެވެ.
މިއަންނަ ޖޫން މަހު 34 އަހަރު ފުރޭ ޑި ބްރޫނޭ ވަނީ، 2015 އަހަރު ޖަރުމަނުގެ ވުލްފްސްބާރގްއިން މެންޗެސްޓަރ ސިޓީއަށް ބަދަލުވުމަށްފަހު އެ ކްލަބާއެކު 16 ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގެ 6 ތައްޓާއި، 2023 ގައި ކާމިޔާބުކުރި ޗެމްޕިއަންސް ލީގު ވެސް ހިމެނެއެވެ.
މި ސީޒަނަށްފަހު ސިޓީ ދޫކޮށްލަން ނިންމިކަން ހާމަކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ޑި ބްރޫނޭ ކުރި ޕޯސްޓެއްގައި ބުނީ، މިއީ އޭނާ އެ ޓީމުގައި ހޭދަކުރާ އެންމެ ފަހު ދުވަސްކޮޅު ކަމަށާއި، މި ޚަބަރު ސަޕޯޓަރުންނާއި އެންމެ ފުރަތަމަ ޙިއްސާކުރަން ބޭނުންވީ ޚުދު އޭނާކަމުގައި ވަނީ ބުނެފައެވެ.
Dear Manchester. 💙 pic.twitter.com/2EdhVYOLti
— Kevin De Bruyne (@KevinDeBruyne) April 4, 2025
މެންޗެސްޓަރ ސިޓީގައި ހޭދަކުރި ދުވަސްތަކަކީ ޑި ބްރޫނޭގެ ކެރިއަރުގެ އެންމެ މުހިންމު ދުވަސްތައްކަމަށް ކިޔައިދެމުން އޭނާ ބުނީ، ކުޅުންތެރިއެއްގެ ގޮތުގައި އޭނާއަށް ފަހިވެގެން ދިޔަ ހުރިހާ ކަންކަމަކީ އެ ސިޓީއާއި، އެ ކްލަބާއި ކްލަބުގެ ސަޕޯޓަރުންގެ ސަބަބުން އޭނާއަށް ލިބުނު ކަންތައްތައް ކަމަށެވެ. އޭގެ ބަދަލުގައި ފުރިހަމައަށް މަސައްކަތްކޮށް ދަނޑުމަތީގައި އެންމެ މޮޅު ކުޅުން ދެއްކުން ނޫން ގޮތެއް ނެތްކަމަށާއި، އަދި އެއާއެކު ކްލަބަކަށް ލިބޭނެ ހުރިހާ ކާމިޔާބެއް އެ ކްލަބަށް ހާސިލްކުރެވުނުކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އަދި ކިތަންމެ ބޭނުން ނުވިޔަސް ކްލަބާއި އަލްވަދާއު ކިޔަންޖެހޭ ވަގުތު ކައިރިވެއްޖެކަމަށް އޭނާގެ މެސެޖުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ ދަރިންނާއި އަނބިމީހާ ވެސް، ސިޓީގައި އެ އާއިލާ ހޭދަކުރި ދުވަސްތަކަށް ޝުކުރުވެރިވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އޭނާގެ ހުރިހާ ދަރިން ވެސް އުފަންވީ އެ ކްލަބުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ކަމަށްވުމީ ދުވަހަކު ވެސް ބަދަލުނުވާނެ ކަންކަން ކަމަށާއި، ދަރީންގެ ޕާސްޕޯޓުގައި އަބަދުވެސް "މެންޗެސްޓަރ" އިންނާނެކަމަށް ބުންޏެވެ. އޭނާ އެހެން ބުނީ، ޕާސްޕޯޓުގައި އުފަންވި ތަނުގެ މަޢުލޫމާތު ހިމަނާފައި އިންނާތީ އެކަމަށް އިޝާރާތް ކޮށެވެ.
މެސެޖު ނިންމާލުމުގެ ކުރިން ބުނީ، މެންޗެސްޓަރ ވާނީ އަބަދުވެސް އެމީހުންގެ އަމިއްލަ ތަނެއްގެ ގޮތުގެ އިޙުސާސްކޮށްދޭ ސިޓީއެއް ކަމަށާއި، ފާއިތު މިވީ 10 އަހަރު ދުވަހަށް އެ ސިޓީ އާއި ކްލަބާއި، ކްލަބުގެ މުވައްޒަފުންނާއި، އެކީގައި ކުޅުނު ކުޅުންތެރިންނާއި އަދި އެކުވެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
މީގެ އިތުރުން، ކޮންމެ ވާހަކައަކަށް ވެސް ނިމުމެއް އަންނާނެ ކަމަށާއި، ނަމަވެސް މި ދުވަސްތަކަކީ އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމު ދުވަސްތައް ކަމަށް ފާހަގަކުރިއެވެ.
އަދި އެންމެ ފަހު ބަހެއްގެ ގޮތުން ބުނީ، ފަހު ދުވަސްކޮޅު އެންމެނާއެކު ހޭދަކުރަން ބޭނުންކަމަށެވެ.
މެންޗެސްޓަރ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފައިވަނީ ޑި ބްރޫނޭއަކީ އިނގިރޭސިވިލާތުގައި ކުޅުނު އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.
މެންޗެސްޓަރ ސިޓީއަށްފަހު ދެން ޑި ބްރޫނޭ ބަދަލުވާނީ ކޮން ކްލަބަކަށް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސައުދީ އަރަބިއްޔާ އާއި އެމެރިކާގެ ކްލަބުތަކުން އޭނާ ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.