ޚަބަރު
ގާކުނޑި ނައްތާލުމުގެ ނިޒާމާއެކު ވެމްކޯއަށް އައު ވިޔަފާރި އެއްގެތެރެއަށް ވަދެވޭނެ : ވެމްކޯ

ތިލަފުށީގައި ވެމްކޯއިން ކުނި ނައްތާލުމުގެ މަސައްކަތުގައި ފޮޓޯ: ޕީއެސްއެމް
އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ގާކުނޑި ނައްތާލާ ނިޒާމު ޤާއިމްވުމާއެކު، އައު ވިޔަފާރިއެއްގެ ތެރެއަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ވަދެވޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތް އިތުރުވެފައިވާއިރު، މިފަދަ މަސައްކަތުން އުފެދޭ ގާކުނޑި ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް މިވަގުތު ނެތްކަން ފާހަގަކުރެވެއެވެ. ނަމަވެސް، ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތިލަފުށީގައި ގާކުނޑި ނައްތާލުމަށް ޚާއްޞަކޮށްގެން ކޮންސްޓްރަކްޝަން ވޭސްޓް ޑެމޮލިޝަން ޕްލާންޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މުޖުތަބާ ޖަލީލް ވިދާޅުވިއެވެ.
ސީއެންޑީ ޕްލާންޓު ސެޓް ކުރެވިގެން ދިޔުމުން އެކަން ހައްލުވެގެން ދާނެ. 5 ސައިޒަކަށް ހެދުމަށްފަހު އަލުން މާކެޓަށް ނެރެވޭނެ މެކޭނިޒަމެއް ހެދިގެން ދާނެ. އިތުރު ވިޔަފާރިއަކަށް ވަދެވޭނެ މަގު ވެމްކޯއަށް ލިބިގެން ދާނެ
މުޖުތަބާ ޖަލީލް
މި ޕްލާންޓްގެ މަސައްކަތް މި އަހަރުގެ ޖުލައި މަހަށް ނިންމާ އޮޕަރޭޝަނަށް ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން، ތިލަފުށީގައި ޤާއިމްކުރާ ކުނިން ހަކަތަ އުފައްދާ ޕްލާންޓްގެ މަސައްކަތް ނިންމާ އަންނަ އަހަރު އޮޕަރޭޝަނަށް ގެނައުމަށްވެސް ތިމާވެށްޓާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.