ކުޅިވަރު
ވެލެންސިއާއިން އިތުރު ވަގުތު ކާމިޔާބުކުރި ގޯލުން ރެއާލް ބަލިކޮށްފި

އިތުރު ވަގުތު ކާމިޔާބުކުރި ގޯލާއެކު ވެލެންސިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް
ސްޕެނިޝް ލަ ލީގާގައި ވެލެންސިއާގެ ހޫގޯ ޑުރޯ އިތުރު ވަގުތު ކާމިޔާބުކުރި ގޯލުން، ލީގު ރޭހުގައި ވާދަކުރަމުން ދިޔަ ރެއާލް މެޑްރިޑް 2-1 އިން ބަލިވެއްޖެއެވެ. އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ރަފާ މިރް ރެއާލްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ، ހޫގޯ ޑުރޯ ގޯލުގެ ތެރެއަށް ފޮނުވާލީ ގޯލާ ވަރަށް ކައިރިން، ބޯޅަ މަތަކުރުމުގެ މާ ބޮޑު ފުރުސަތެއް ރެއާލް ޒުވާން ގޯލް ކީޕަރު ފްރޭން ގޮންޒާލޭޒްއަށް ނުދީއެވެ.
މެޗުގައި ލީޑު ނެގުމަށް 13 ވަނަ މިނެޓުގައި ރެއާލްއަށް ލިބުނު ޕެނަލްޓީ ވިނީސިއަސް ޖޫނިއަރގެ އަތުންވީ ބޭކާރެވެ. މި ޕެނަލްޓީ ވަނީ ވެލެންސިއާގެ ގޯލް ކީޕަރު ޖިއޯޖީ މަމަޑަޝްވިލީ މަތަކޮށްފައެވެ. މިއީ ކީލިއަން އެމްބައްޕޭއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.
އޭގެ ދެ މިނެޓު ފަހުން ވެލެންސިއާއިން ލީޑު ނެގިއެވެ. އަންޑްރޭ އަލްމެއިޑާ ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ދާގަނޑަށް ފޮނުވާލުމަށްފަހު ވެލެންސިއާއަށް ލީޑު ނަގައިދިނީ މޮކްޓަރ ޑިއަޚަބީއެވެ.
ރެއާލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިގެން ފަސް މިނެޓު ކުޅެވުނު ފަހުންނެވެ. ގެއްލުނު ޕެނަލްޓީގެ ޒިންމާ ނަގައި އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވިނީސިއަސްއެވެ.
މެޗުގައި ލީޑު ނަގާނެ ރަގަޅު ފުރުސަތު އެމްބައްޕޭއަށް ވެސް ލިބުނެވެ. ނަމަވެސް ގޯލަށް އަމާޒު ނުކުރެވި، އޭނާގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ޓިމަށް ހިފޭ ގޮތެއް ނުވިއެވެ.
ރެއާލްގެ ބާރނަބެއުގައި އެ ޓީމު ބަލިކުރެވުމަކީ ވެލެންސިއާއަށް ވަރަށް ތާރީޙީ ނަތީޖާއެކެވެ. މިއީ އެ ދަނޑުގައި 2008 ވަނަ އަހަރަށް ފަހު ވެލެންސިއާ މޮޅުވި ފުރަތަމަ ފަހަރެވެ.
މި ބައްޔާއެކު ރެއާލްއަށް 3 ޕޮއިންޓު ގެއްލިފައި ވަނިކޮށް ރޭ ދަންވަރު ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ވަނީ 1-1 އިން އެއްވަރުވެފައެވެ. އެހެންކަމުން، ރެއާލް މިހާރު އޮތީ ބާސެލޯނާއަށް ވުރެ 4 ޕޮއިންޓު ފަހަތުގައެވެ.
ރެއާލްއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އާސެނަލްއާ ބައްދަލުކުރާ މެޗެވެ. މި މެޗު ކުޅޭނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.