ކުޅިވަރު

ހަ މެޗު ބާކީ އޮއްވައި ޕީއެސްޖީއިން ލީގު ޔަގީންކޮށްފި

ހަ މެޗު ބާކީ އޮއްވައި ޕީއެސްޖީއިން ލީގު ޔަގީންކޮށްފި

ޕީއެސްޖީގެ ގޯލު ކާމިޔާބުކުރުމަށްފަހު ޑިޒަޔާ ޑުއޯ އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޭޕްރީލު 2025، 07:20

06 އޭޕްރީލު 2025، 07:20

ލީގުގައި ބާކީ ހަ މެޗު އޮއްވައި، ޕެރިސް ސެއިންޓް-ޖަމެއިން، ޕީއެސްޖީއިން ފްރާން ލީގު ޔަގީންކޮށްފިއެވެ. އެ ޓީމުން ލީގު ޔަގީންކުރީ، ރޭ އެވެންޖާރސްއާ ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކުރުމަށްފަހުއެވެ.

މި ސީޒަނުގައި ލީގު އެއްވެސް މެޗަކުން ބަލިވެފައި ނުވާ ޕީއެސްޖީ މި މެޗަށް ނިކުތްއިރު، ލީގު ޔަގީން ކުރުމަށް އެ ޓީމަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ. އެއީ ލީގުގައި ޖުމްލަ 34 މެޗު ކުޅެންޖެހޭއިރު، ދެވަނައިގައި އޮތް މޮނާކޯއާ ޕީއެސްޖީއާ ދެމެދު 21 ޕޮއިންޓުގެ ފަރަގެއް އޮތުމުންނެވެ. މި ދެ ޓީމު ވެސް މިހާރު ވަނީ ޖުމްލަ 28 މެޗު ކުޅެފައެވެ.

މި މެޗަކީ ޕީއެސްޖީގެ ޝޯވއެކޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. މެޗުގެ %80 ޑޮމިނޭޓްކޮށްފައި ވަނީ އެ ޓީމުންނެވެ. ނަމަވެސް އެ ޓީމަށް ލީޑު ނެގުނީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޑިޒަޔާ ޑުއޯ ކާމިޔާބުކުރި ގޯލަކީ ލުއިޒް އެންރީކޭގެ ޓީމަށް ލީގު ޔަގީން ކުރެވުނު ގޯލެވެ.

މިއީ ޖެހިޖެހިގެން ޕީއެސްޖީ ލީގު ކާމިޔާބުކުރާ ހަތަރު ވަނަ ސީޒަނެވެ. އަދި ފާއިތުވި 13 ސީޒަނުގެ ތެރޭގައި ކާމިޔާބުކުރާ 11 ވަނަ ލީގު ތައްޓެވެ. ޤަތަރު ސްޕޯޓްސް އިންވެސްޓްމެންޓުން އެ ކްލަބު 2011 ގައި ގަތް ފަހުން އެ ޓީމު މި އަންނަނީ ފްރާންސްގައި ވަރުގަދަ ލެގަސީއެއް ޤާއިމް ކުރަމުންނެވެ.

ފްރާންސް ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައި ވަނީ ސެއިންޓް-އެޓިއެންއެވެ. އެ ޓީމުން ވަނީ 16 ފަހަރު ލީގު ކާމިޔާބުކޮށްފައެވެ. ނަމަވެސް އެންމެ ފަހުން އެ ޓީމަށް ލީގު ކާމިޔާބުކުރެވުނީ 1981 ވަނަ އަހަރެވެ. 

ޕީއެސްޖީއަށްފަހު ދެން އެންމެ ގިނައިން ލީގު ކާމިޔާބުކުރީ މާސޭއެވެ. އެ ޓީމުން ނުވަ ފަހަރު ލީގު ކާމިޔާބުކުރިއިރު، ނަންޓޭޒް އާއި މޮނާކޯ ވަނީ އަށް ފަހަރު ތަށި އުފުލާލާފައެވެ. 

ޕީއެސްޖީއަށް ދެން އޮތީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެސްޓަން ވިލާއާ ބައްދަލުކުރާ މެޗެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS