ކުޅިވަރު
އެވަޓަން މެޗު އެއްވަރުވުމުން ލީގު ކާމިޔާބު ކުރުމަށް އާސެނަލް ދެކެމުން އަންނަ ހުވަފެނަށް އިތުރު ފުސްކަމެއް

އާސެނަލްގެ ގޯލު ކާމިޔާބު ކުރުމަށްފަހު ޓްރޮސަޑް އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް
އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ލީގު ކާމިޔާބު ކުރުމަށް އާސެނަލް ދެކެމުން އަންނަ ހުވަފެނަށް އަނެއްކާ ވެސް ދިގު އިންތިޒާރެއް ކުރަން ޖެހޭނެކަމަށް ބެލެވިއްޖެއެވެ.
މި މެޗުން އާސެނަލްއަށް އެއް ޕޮއިންޓު ލިބުމުން، ލީގުގައި ކުޅެންޖެހޭ ބާކީ 8 މެޗުން ލިވަޕޫލް ހޯދަން ޖެހޭނީ 11 ޕޮއިންޓެވެ. އަދި މިރޭ ލިވަޕޫލް އާއި ފުލަމް ބައްދަލުކުރާ މެޗު ކާމިޔާބުކޮށްފިނަމަ، ލިވަޕޫލް އިތުރަށް ބޭނުންވާނީ 8 ޕޮއިންޓެވެ.
އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ އާސެނަލްއެވެ. އެއީ އާސެނަލްގެ ކުޅުންތެރިންނަށް އަމާޒަށް ފޮނުވާލެވުނު ފުރަތަމަ ބޯޅަ ވެސް މެއެވެ. ރަހީމް ސްޓާލިންގެ ޕާހަކުން އެ ޓީމަށް ލީޑު ނަގައިދިނީ ލިއާންޑްރޯ ޓްރޮސަޑްއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާ ކުރުމަށް ޓްރޮސަޑްއަށް އިތުރު ފުރުސަތެއް ލިބުނެވެ. ނަމަވެސް އެވަޓަންގެ ގޯލު ކީޕަރ، ޖޯޑަން ޕިކްފޯޑް ވަނީ މި ހަމަލާ ދިފާއުކޮށްފައެވެ.
އެވަޓަންއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޓީމުގެ ޖެކް ހެރިސަންއަށް އާސެނަލްގެ މައިލްސް ލެވިސް-ކެލީ ކުރި ފައުލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ އިލިމަން ޑިއާއީއެވެ.
އޭގެ ފަހުން އެވަޓަންއިން ތަނަވަސްކުރި ފުރުސަތުގައި، އަބްދުލަޔެ ޑޮކޯރޭ ފޮނުވާލި ހަމަލާ އާސެނަލްގެ ގޯލް ކީޕަރު ޑޭވިޑް ރާޔާ މަތަކުރިއިރު، އާސެނަލްގެ ޑެކްލައިން ރައީސް ފޮނުވާލި ބާރު ހިލޭ ޖެހުން ވަނީ ޕިކްފޯޑު މަތަކޮށްފައެވެ.
އާސެނަލްއަށް މި މެޗުން ދެ ޕޮއިންޓު ގެއްލުނުއިރު، މިރޭ ލިވަޕޫލް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ދެ ޓީމުގެ ފަރަގު 14 ޕޮއިންޓަށް އިތުރުވާނެއެވެ.