ކުޅިވަރު
ސާބާ ކްލަބް ޗެމްޕިއަންޝިޕް: ނޭޕާލްގެ ޓައިމްސް ބީސީ މެޗުން ޓީރެކްސް ބަލިވެއްޖެ

ޓީރެކްސް އާއި ކޮލަމްބޯ ބީސީ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: އިންޑިއާގެ ބާސްކެޓުބޯޅަ ފެޑެރޭޝަން
އިންޑިއާގެ ޗެންނާއީގައި މިހާރު ކުރިޔަށްދާ ސާބާ ކްލަބް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ ޓައިމްސް ބީސީއިން ރާއްޖޭގެ ޓީރެކްސް ބަލިކޮށްފިއެވެ. މިއީ މި މުބާރާތުގައި ކުޅުނު ތިން މެޗުން، ޓީރެކްސް ބަލިވި ދެވަނަ މެޗެވެ.
ފުރަތަމަ މެޗުގައި ބޫޓާންގެ ތިމްޕޫ މެޖިކްސްއާ ބައްދަލުކުރި މެޗު 71-47 ޕޮއިންޓުން ޓީރެކްސް ކާމިޔާބު ކުރުމަށްފަހު، ދެވަނަ މެޗުގައި ސްރީލަންކާގެ ކޮލަމްބޯ ބީސީއާ ބައްދަލުކުރި މެޗުގައި އެ ޓީމަށް ކުރިމަތިލާން ޖެހުނީ ހިތްދަތި ބައްޔަކާއެވެ. އެ މެޗު ކޮލަންބޯއިން ކާމިޔާބުކުރީ 5 ޕޮއިންޓުގެ ތަފާތުން، 79-74 ޕޮއިންޓުންނެވެ.
އެއަށްފަހު ހުކުރު ދުވަހު ނޭޕާލްގެ ޓައިމްސް ބީސީއާ ބައްދަލުކުރި މެޗުން ޓީރެކްސް ބަލިވީ 67-59 ޕޮއިންޓުންނެވެ.
އެ މެޗަށް ޓީރެކްސް ނިކުތީ ކޮލަންބޯ މެޗުން ލިބުނު ހިތްދަތިކަން ފިލުވާލުމަށެވެ. އެގޮތުން ފުރަތަމަ ކުއާޓާ ނިންމާލާފައިވަނީ 20-18 ޕޮއިންޓުން ލީޑުގައި އޮވެގެނެވެ. ނަމަވެސް ދެވަނަ ކުއާޓާގައި ނޭޕާލުން ލީޑު ނަގައި، މެޗުގެ އިންޓަވަލަށް ދިޔައީ 40-31 ޕޮއިންޓުން ކުރީގައި އޮވެގެނެވެ.
ޓައިމްސް ބީސީއިން އެ މީހުންގެ ޓެމްޕޯ ތިންވަނަ ކުއާޓާގައި ވެސް ދެމެހެއްޓިއެވެ. އެގޮތުން އެ ކުއާޓާ އެ ޓީމުން ނިންމާލީ 16-8 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.
ނަމަވެސް ފަހު ކުއާޓާގައި ޓީރެކްސްއިން ކުޅުން ރަގަޅުކޮށް، އެ ކުއާޓާ 20-11 ޕޮއިންޓުން ކާމިޔާބުކުރި ނަމަވެސް، މެޗުގެ ނަތީޖާ އަނބުރާލެވޭ މިންވަރަށް އެ ޓީމަށް ޕޮއިންޓަށް ނުހޯދުނެވެ. އަދި 7 ޕޮއިންޓުގެ ފަރަގަކާއެކު ޓީރެކްސް ކުޅުނު ތިން މެޗުގެ ތެރެއިން ދެވަނަ މެޗު ގެއްލުނީއެވެ.
ޓީރެކްސްއަށް މުބާރާތުގައި ދެން އޮތީ އެންމެ މެޗެކެވެ. މުބާރާތުގައި މޮޅު ނަތީޖާތަކެއް ނެރެމުންއަންނަ އިންޑިއާގެ ކްލަބް ޓެމިލް ނާޑޫއާ ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާއެވެ. ކްލަބް ޓަމިލް ނާޑޫ އެމީހުންގެ ފުރަތަމަ މެޗުގައި ނެޕާލްގެ ތިމްޕޫ މެޖިކްސް 107-41 ޕޮއިންޓުން ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ކޮލަމްބޯ ބީސީ ބަލިކުރީ 110-54 ޕޮއިންޓުންނެވެ.
ޓެމިލް ނާޑޫގެ ތިން ވަނަ މެޗުގައި މިއަދު ނޭޕާލްގެ ޓައިމްސް ކްލަބާއި ބައްދަލުކުރާއިރު، އެ ޓީމުގެ ފަހު މެޗު ކުޅޭނީ މާދަމާ ޓީރެކްސްއާ ދެކޮޅަށެވެ.