ކުޅިވަރު

ނޭފަތުގަ ހިފި މައްސަލައިގަ މޮރީނިއޯ ތިން މެޗަށް ސަސްޕެންޑުކޮށްފި

ނޭފަތުގަ ހިފި މައްސަލައިގަ މޮރީނިއޯ ތިން މެޗަށް ސަސްޕެންޑުކޮށްފި

ފެނަބާޗޭގެ ކޯޗު ހޯޒޭ މޮރީނިއޯ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

06 އޭޕްރީލު 2025، 09:50

06 އޭޕްރީލު 2025، 09:50

ޓާރކިޝް ކަޕްގެ ކުއާޓާ ފައިނަލުގައި ގަލަޓަސަރާއީ އާއި ފެންބާޗޭ ބައްދަލުކުރި މެޗަށްފަހު ގަލަޓަސަރާއީގެ ކޯޗު އޮކާން ބުރުކްގެ ނޭފަތުގައި ފެނަބާޗޭގެ ކޯޗު ހޯޒޭ މޮރީނިއޯ ހިފި މައްސަލައިގައި އޭނާ ތިން މެޗަށް ސަސްޕެންޑުކޮށްފިއެވެ.

މިކަން ހިނގާފައިވަނީ ސުކްރޫ ސަރަކޮގްލޫ ސްޓޭޑިއަމްގައި ކުޅުނު މެޗަށްފަހު، ދަނޑުގެ މެދުގައި ދެ ޓީމުގެ އޮފިޝަލުން ބައްދަލުވި ވަގުތެވެ. 

މެޗަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އޮކާން ބުނީ، އޭނާއަށް ޖިސްމާނީ ގޮތުން މާބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް، އެއީ ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލެއްކަމަށެވެ.

މި މައްސަލައިގައި މޮރީނިއޯ ދިފާއުކޮށް ފެނަބާޗޭއިން ބުނީ، އޮކާންއަކީ މޮޅު އެކްޓަރެއްކަމަށެވެ. ފެނަބާޗޭގެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި އޮކާން ވަނީ މޮރީނިއޯއަށް އިޝާރާތްކޮށް އަތުން ކުޅިވަރުގެ ރޫހާއި ހިލާފު އަމަލުތަކެއް ދައްކާފައެވެ. އަދި އޮކާންގެ ނޭފަތުގައި މޮރީނިއޯ ހިފީ އެކަމާއި ހިތްހަމަނުޖެހިގެންކަމަށް އެ ކްލަބުން ބުންޏެވެ.

ތިން މެޗުގެ ސަސްޕެންޝަންގެ އިތުރުން، 292،500 ޓާރކިޝް ލިރާ (5،955 ޕައުންޑު) އިން މޮރީނިއޯ ޖޫރިމަނާ ކޮށްފައި ވެސް ވެއެވެ.

ދަ ޕްރޮފެޝަނަލް ފުޓްބޯލް ޑިސިޕްލިނަރީ ބޯޑުން ބުނީ މޮރީނިއޯގެ އެ އަދަބަކީ، އޮކާންގެ އަމަލުތަކަށް ރިއާޔަތް ކުރުމަށްފަހު ކަނޑައެޅި އަދަބުތަކެއް ކަމަށާއި، އަދި އޮކާންގެ އަމަލުތައް ބެހެއްޓި ގޮތުން، މޮރީނިއޯގެ އަދަބު އެ އޮތީ ލުއިކޮށްދީފައި ކަމަށެވެ. 

ގަލަޓަސަރާއީއިން ވަނީ މި މައްސަލައިގައި މޮރީނިއޯގެ މައްޗަށް ޖިނާއީ ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް ފެނަބާޗޭއިން ހާމަކޮށްފައިވާ ގޮތުގައި އިސްތާންބޫލްގެ ޕަބްލިކް ޕްރެސެކިއުޓާރ އޮފީހުން އެ މައްސަލަ ވަނީ ބޭރުކޮށްލާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS