ކުޅިވަރު
ވިމެންސް އޭޝިއަން ކަޕް: ރާއްޖެ ވަރުގަދަ ގްރޫޕަކަށް

އެކުވެރިކަމުގެ މެޗެއްގައި އިންޑިއާ އާއި ދިވެހިރާއްޖެ ---
2026 ވަނަ އަހަރު އޮސްޓްރޭލިއާގައި ކުޅުމަށް ހަމަޖެހިފައިވާ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ ސަރަޙައްދީ ގޮތުން ވަރުގަދަ ޓީމުތަކެކެވެ.
އެގޮތުން ކޮލިފައިންގައި ރާއްޖެ ގްރޫޕް އީގައި ހިމެނުނުއިރު، މި ގްރޫޕްގައި ދެން ހިމެނެނީ ވިއެޓްނާމް، ގުއާމް އަދި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. މި ގްރޫޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ވިއެޓްނާމްގައެވެ.
ކޮލިފައިން ބުރުގައި ރާއްޖޭގެ ފުރަތަމަ މެޗު އޮތީ ޖޫން މަހުގެ 29ގައި ވިއެޓްނާމްއާ ދެކޮޅަށެވެ. އެއަށްފަހު ޖުލައި ދެވަނަ ދުވަހު ގުއާމްއާ ބައްދަލުކުރަންޖެހޭއިރު، ގްރޫޕްގެ ފަހު މެޗުގައި ޖުލައި ފަސްވަނަ ދުވަހު އޮތީ ޔޫއޭއީއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރާއްޖެ ހިމެނޭ މި ގްރޫޕްގައި އެންމެ ވަރުގަދަކަމަށް ބެލެވެނީ ވިއެޓްނާމްއެވެ. އެގޮތުން އެ ޓީމުން ވަނީ އާސިއާން ގައުމުތަކުގެ އަންހެން މުބާރާތް ތިން ފަހަރު އަދި، އާސިއާން ގޭމްސްގެ އަންހެން ފުޓްބޯޅައިގެ ރަން މެޑަލް އަށް ފަހަރު ހޯދާފައެވެ.
އެންމެ ފަހުން ބޭއްވި ފީފާ ވިމެންސް ވޯލްޑް ކަޕްގައި ވެސް މި ޓީމުން ވާދަކޮށްފައިވެއެވެ. ނަމަވެސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އެ ޓީމަށް އެއްވެސް މެޗެއް ކާމިޔާބެއް ނުކުރެވުނެވެ. އެގޮތުން އެމެރިކާ އަތުން 3-0 އިން، ޕޯޗުގަލް އަތުން 2-0 އިން އަދި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 7-0 އިންނެވެ.
2022 ވަނަ އަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނުނީ ވިއެޓްނާމް އާއި ތަޖިކިސްތާން އަދި އަފްގާނިސްތާންއާ އެއް ގްރޫޕެއްގައެވެ. ނަމަވެސް އަފްގާނިސްތާން ފަހުން މުބާރާތާއި ވަކިވުމުން، މި ގްރޫޕްގައި ވާދަކުރީ ތިން ޓީމެވެ. އެ ފަހަރު ވިއެޓްނާމް އަތުން 16-0 އިން ބަލިވިއިރު، ތަޖިކިސްތާނު އަތުން ރާއްޖެ ބަލިވީ 4-0 އިންނެވެ.
ބައިނަލްއަޤްވާމީ މެޗުތަކެއް ރާއްޖެ އެންމެ ފަހުން ކުޅުނީ އިންޑިއާއާ ދެކޮޅަށް މި އަހަރުގެ ޖެނުއަރީ މަހުއެވެ. އޭރު އިންޑިއާ އާއި ރާއްޖެ ދެ މެޗު ކުޅުނުއިރު، ފުރަތަމަ މެޗުން 14-0 އިން ރާއްޖެ ބަލިވިއިރު ދެވަނަ މެޗު އިންޑިއާއިން ކާމިޔާބުކުރީ 11-1 އިންނެވެ.