ޚަބަރު
ޖޭއެސްސީގެ މެންބަރުކަމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރައްވައިފި

ޖޭއެސްސީގެ މެންބަރުކަމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަންކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސ. ހިތަދޫ، ބާޒީގެ އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.
މި މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަހީދު ޢައްޔަނުކުރައްވާފައިވަނީ، ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު އަލްއުސްތާޛު ޙުސައިން ޝަހީދު އަށް ދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި، ޙުސައިން ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. މުޙައްމަދު އިބްރާހީމެވެ. އަދި، މި މަޤާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު ޙުސައިން ޝަހީދާ ހަވާލުކުރައްވާފައެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދު އަކީ މީގެ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެއާއެކު، އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.