ޚަބަރު
އއ. އުކުޅަހު މަގުހެދުމުގެ މަޝްރޫޢުގެ %40 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

އއ. އުކުޅަހު މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން/ފޮޓޯ: އެމްޓީސީސީ
އއ. އުކުޅަހު މަގުހެދުމުގެ މަޝްރޫޢުގެ %40 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، އުކުޅަހު މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ހައި ވޯލްޓޭޖް ކޭބަލް ޖަންގްޝަންތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. ހަމަ އެހެންމެ، މަގުތަކުގައި ޕޭވިން ބްލޮކް ހަރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ. އުކުޅަހުގައި ޖުމްލަ 10 މަގެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ 40 އިންސައްތް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ސެޓްލްމެންޓް ޓޭންކް ހަރުކުރުމާއި، ކޭބަލް ޖަންކްޝަން ފޮށި ވަޅުލުމާއި، 4193 އަަކަމީޓަރުގެ ޕޭމަންޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ، 14,452 އަކަމީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ކަފިހި ހުރަސް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި، މަގުމަތީގެ ރައްކާތެރިކަމަށް އެކި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢު ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މަގުހެދުމުގެ މަސައްކަތް ފަށާފައިވަނީ، ނިމިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުއެވެ.