ދުނިޔެ
އިޒްރާއިލްގެ ސިފައިން ލުބްނާންގެ ދެކުނަށް ވަދެގަނެއްޖެ!
އިޒްރާއިލް ސިފައިން ހަތިޔާރުތަކާއި އެކު ލުބްނާނަށް ވަދެގަންނަ މަންޒަރު. ފޮޓޯ:އަލްޤުދުސް ނެޓްވޯކް
އިޒްރާއިލްގެ ސިފައިން ލުބްނާންގެ ދެކުނަށް ވަދެގަނެއްޖެ އެވެ.
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ހިޒްބުﷲ އާއި ދެކޮޅަށް “ލިމިޓެޑް” ގްރައުންޑް އޮޕަރޭޝަނެއް ހިންގާނެކަން އިޢުލާނުކޮށް ލުބްނާންގެ ދެކުނަށް އިޒްރާއިލް ސިފައިން ވަނީ ވަދެގަނެފައެވެ.
އިޒްރާއިލުން އެބައިމީހުން ލުބްނާންގެ ދެކުނުގައި ހިންގުމަށް ހަމަޖެހިފައިވާ “ލިމިޓެޑް” ގްެރައުންޑް އޮޕަރޭޝަން އާއި ބެހޭ ގޮތުން ބުނެފައިވަނީ އެ އޮޕަރޭޝަން އަމާޒުކުރާނީ އިޒްރާއީލަށް ނުރައްކާވާ, ބޯޑަރުގައި ހުންނަ ހިޒްބުﷲގެ މަރުކަޒުތަކަށް ކަމަށެވެ. އަދި އެއީ ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ކުރާ ހަނގުރާމައެއް ނޫން ކަމަށް އިޒްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.
އިޒްރާއިލުން މިހެން ބުނި ނަމަވެސް އިޒްރާއިލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައި ހިމެނެނީ ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުންނެވެ.
"މި ލޮކަލައިޒްޑް ގްރައުންޑް ރެއިޑްތައް އަމާޒުކުރާނީ އިޒްރާއީލުގެ ރަށްތަކަށާއި އަވަށްތަކަށް، އަހަރެމެންގެ ބޯޑަރުގައި ހުންނަ އަހަރެމެންނަށް ނުރައްކާވާ ހިޒްބުاللهގެ ވަރުގަދަ ތަންތަނަށް،" އިޒްރާއިލްގެ ސިފައިންގެ ތަރުޖަމާނު ރިއާ އެޑްމިރަލް ޑޭނިއަލް ހަގާރީ ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ ބޯޑަރު ކައިރީގައި ހުރި ލުބްނާންގެ އަވަށްތަށް ހިޒްބުﷲގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އިޒްރާއިލްގެ މި ތުހުމަތުތަކަށް ހިޒްބުﷲ އިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
އަލްޖަޒީރާގައި އިތުރަށް ބުނެފައިވަނީ ލުބްނާންގެ ބެއިރޫތުގެ ދެކުނުގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އިޒްރާއީލުން އިތުރު ވައިގެ ހަމަލާތަކެއް ދީ، ރައްޔިތުން ގެއިން ބޭރަށް ނުކުތުމަށް އަމުރުކުރުމަށްފަހު އެސަރަހައްދުގެ ބައެއް އަވަށްތަކަށް ބޮން އަޅައި ގޮއްވާލައިފައިވާ ކަމަށެވެ.
އަދި ހޯމަ ދުވަހު ލުބުނާނަށް ދިން ހަމަލާތަކުގައި 95 މީހުން ޝަހީދުވެފައިވާ ކަމަށް ލުބްނާންގެ ޞިއްޚީ ވުޒާރާއިން ވަނި ބުނެފައެވެ.