ޚަބަރު
ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ފެންވަރު ރަނގަޅު ތަޖުރިބާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ: ތަޢުލީމީ ވަޒީރު

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު/ފޮޓޯ: ތަޢުލީމީ ވުޒާރާ
ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ފެންވަރު ރަނގަޅު ތަޖުރިބާއަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ތަޢުލީމު ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިފަދައިން ވިދާޅުވީ، 2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ދެއްވި ޚިޠާބުުގައެވެ.
ވަޒީރު ވިދާޅުވީ، ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ ތަޖުރިބާތަކަކީ، ފެންވަރު ރަނގަޅު އަދި ދަރިވަރުން ގަޔާވާ، ޝައުގުވެރި ތަޖުރިބާތަކަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. އެގޮތުން، މިދިޔަ ދިރާސީ އަހަރުގައި، ސަރުކާރުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް އެންހޭންސްމެންޓްގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މިފެށުނު ދިރާސީ އަހަރުގައިި ވެސް މިފަދަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކިއެކި މާއްދާތަކަށް ކިޔަވައިދެއްވާ މުދައްރިސުންނާއި މިޑްލް މެނޭޖުމެންޓުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށްގެން ފަންނީ ތަރައްޤީގެ އެކި ހަރަކާތްތައް ނިމިދިޔަ ދިރާސީ އަހަރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ހަމަ މިއާއެކު، 2025 ވަނަ އަހަރުގެ ދިރާސީ އަހަރުގައި، ރާއްޖޭގެ މަދަރުސީ ނިޒާމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި މުހިންމު ކަންތައްތަކެއް ތަންފީޒުކުރެވިގެންދާނެކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ، ތަޢުލީމީ ދާއިރާއަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ތަޢުލީމީ ވުޒާރާއިން ރާވާފައިވާ ގިނަ ކަންކަން މިދިޔަ ދިރާސީ އަހަރުގެ ތެރޭގައި ފެށިގެން ކުރިއަށްދާކަމަށެވެ. އަދި މިއަހަރުގެ ތެރޭގަިއ ވެސް މުހިންމު އިތުރު ކަންތައްތަކެއް ފެށިގެން ކުރިއަށްދާނެކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ދިރާސީ އައު އަހަރު ފަށާފައިވަނީ ރާއްޖޭގެ އެކި ސްކޫލްތަކުގައި ޖުމްލަ 90،000 އެއް ހާ ދަރިވަރުންނާއި އެކުއެވެ. އަދި މި ދަރިވަރުންނަށް އުނގަންނަވައިދެއްވުމަށް 11،000 އެއް ހާ މުދައްރިސުން ސްކޫލުތަކުގައި މަސައްކަތް ކުރައްވާނެއެވެ.