ޚަބަރު
ދަރިވަރުންނަށް އަންނަ ބަދަލުތަކަށް މުދައްރިސުން އަހުލުވެރިވުމަކީ ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ ކަމެއް: ތަޢުލީމީ ވަޒީރު

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު/ފޮޓޯ: އެޑިޝަން އެމްވީ
ދަރިވަރުންނަށް އަންނަ ބަދަލުތަކަށް މުދައްރިސުން އަހުލުވެރިވުމަކީ ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ތަޢުލީމު ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މިފަދައިން ވިދާޅުވީ، 2025 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ދެއްވި ޚިޠާބުުގައެވެ.
ވަޒީރު ވިދާޅުވީ، ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު ބިނާވެގެންވަނީ އެ ދަރިވަރުންނަށް އުނގަންނަވައިދެއްވާ މުދައްރިސުންގެ ޢިލްމާއި ހުނަރުގެ މައްޗަށް ކަމަށެވެ. އެހެންކަމުން، ޒަމާނަކަށް އަންނަ ބަދަލުތަކާއިއެކު ދަރިވަރުންގެ އުޅުމަށާއި، ގުޅުންތަކަށާއި، ވިސްނުމަށް އަންނަ ބަދަލުތަކަށް މުދައްރިސުން އަހުލުވެރިވުމަކީ މުހިންމުކަމެއްގެ ގޮތުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެ ބަދަލުތަކަށް ރިޢާޔަތްކޮށް އުނގަންނައި ދިނުމަކީ، ތަހުޒީބީ ޖީލެއް ބިނާކުރުމަށް ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް މުދައްރިސުން އަހުލުވެރިވުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި މި ބަދަލުތަކާއިއެކު ވެސް ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ހަމަހަމަކަމާއެކު ކިޔަވައިދޭންޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވާދިނުމަށްޓަކައި، އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަށްޖެހޭ ބަދަލުތައް އަބަދުވެސް ގެންނަމުން ދިޔުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
މި ދިރާސީ އަހަރު ގާތްގަނޑަކަށް 90،000 އެއްހާ ދަރިވަރުން އެކި މަރުހަލާތަކުގައި ކިޔަވަމުންދެއެވެ. އަދި މި ދަރިވަރުންގެ ޚިދުމަތުގައި ގާތްގަނޑަކަށް 11،000 މުދައްރިސުން ހަރަކާތްތެރިވަމުން އަންނަކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.