ޚަބަރު
ރާއްޖޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް 3 ކުންފުންޏަކާއި ހަވާލުކޮށްފި

ރާއްޖޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް މިއަދު 3 ކުންފުންޏަކާއި ހަވާލުކުރުމުގެ ރަސްމިއްޔާތު/ފޮޓޯ: ވަގުތު
ރާއްޖޭގެ 18 ރަށެއްގެ ސްކޫލުތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް މިއަދު 3 ކުންފުންޏަކާއި ހަވާލުކޮށްފި އެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި، ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.
މި ކުންފުނިތަކާ މަސައްކަތް ހަވާލުކުރުމަށް ތަޢުލީމީ ވުޒާރާގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި، އެ ވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙްއެވެ. އާރުޑީސީގެ ފަރާތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރު ސޮއިކޮށްފައިވާއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރިޓަޔަރޑް ޑީސީޕީ އަޙްމަދު ސައުދީއެވެ.
މި އެއްބަސްވުމުގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާ ވަނީ 2 ރަށެއްގެ ސްކޫލުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ހަވާލުކޮށްފައެވެ. އެގޮތުން، އާރުޑީސީއާ ހަވާލުކޮށްފައިވަނީ އއ. މާޅޮހާއި، އދ. ފެންފުށި ސްކޫލުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށެވެ. މީގެ އިތުރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އަށް 15 ރަށެއްގެ ސްކޫލުތަކުގެ މަސައްކަތް ނިންނުމަށް ހަވާލުކޮށްފައިވާއިރު، ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ މ. މޭވަށު ސްކޫލްގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށެވެ.
މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ރަށްތައް:
- ހއ. މޮޅަދޫ
- ހދ. ނޮޅިވަރަންފަރު
- ހދ. ނޭކުރެންދޫ
- ށ. ބިލެތްފަހި
- ރ. އިންނަމާދޫ
- ރ. ދުވާފަރު
- ބ. ކުޑަރިކިލު
- އއ. މަތިވެރި
- ތ. ގާދިއްފުށި
- ގދ. ވާދޫ
- ހއ. މާރަންދޫ
- ކ. ގުޅި
- ތ. މަޑިފުށި
- ހދ. ނައިވާދޫ
- ލ. މާވަށް
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތްތައް ނިންމުމުގެ މި މަޝްރޫޢުތަކުގެ ޖުމްލަ އަދަދު 114.9 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.