Ads by Exprox

ޚަބަރު

އިމާރާތް މި މަހުގެ 17 ގެ ކުރިން ހުސްނުކުރެވިއްޖެނަމަ ބަދަލު ދޭންޖެހި ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެ: ޑރ. އަބްދުﷲ މުއްތަލިބު

އިމާރާތް މި މަހުގެ 17 ގެ ކުރިން ހުސްނުކުރެވިއްޖެނަމަ ބަދަލު ދޭންޖެހި ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެ: ޑރ. އަބްދުﷲ މުއްތަލިބު

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޭޕްރީލު 2025، 07:09

07 އޭޕްރީލު 2025، 07:09

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުގައި ހިމެނޭ މަގެއްގައި ހުރި އިމާރާތެއް މި މަހުގެ 17 ގެ ކުރިން ހުސްނުކުރެވިއްޖެނަމަ، އެ މަޝްރޫޢު ކުރިއަށްގެންދާ އިންޑިއާގެ ރެނާޓަސްއަށް ބަދަލު ދޭންޖެހިދާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ގަމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމުމަށް ޓަކައި ހުސްކުރަން ބޭނުންވާ އިމާރާތަކީ، އަދި އެ އިމާރާތް ހުރި ބިމަކީ ވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮންޕެނީގެ މިލްކެއް ކަމަށެވެ. ނަމަވެސް މިދިޔަ ދެ އަހަރެއްހައި ދުވަހު މަސައްކަތްކޮށްގެން ވެސް، އެ އިމާރާތް ބޭނުން ކުރަމުންދާ ފަރާތުން އެ ތަން ހުސްކުރުމަށް ދެކޮޅު ހަދާފައިވާތީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކޮމްޕެނީއާ އެ ތަން ވަނީ ހަވާލު ނުކުރެވިއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވެފައިވަނީ މި ކަމުގެ ސަބަބުން ޕްރޮޖެކްޓް ނިންމަންޖެހޭ މުއްދަތަށް ނިންމުމަށް ދަތިވެ، ކޮންޓްރެކްޓަރަށް ބަދަލުދޭން ޖެހޭފަދަ ހާލަތެއް މެދުވެރިވެ، ދައުލަތަށް މާލީގޮތުން ގެއްލުންވެދާނެތީ، އެ ޢިމާރާތް ހިމެނޭ ސަރަހައްދު، މަޝްރޫޢުން އުނި ކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި މި ކަމުގައި އައްޑޫ ރައްޔިތުންގެ ކަންބޮޑުވުން ބަލައިގަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރު މުއްތަލިބު އިތުރަށް ވިދާޅުވެފައިވަނީ، މިމަހު 17ގެ ކުރިން މި ކަމަށް ހައްލެއް ލިބިއްޖެނަމަ އުނިކުރަން އެންގި މަސައްކަތް ކޮންޓްރެކްޓާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އަދި ބިން ހުސްނުކުރެވި މި މަޝްރޫޢު ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެނަމަ، ބިން ލިބުނުހާ އަވަހަކަށް ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި، 2023ވަނަ އަހަރު ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢު ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައިވާއިރު، 455.8 މިލިއަން ރުފިޔާ މަސައްކަތަށް ހޭދަވާނެ ކަމަށް އޭރު ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު ޓާމިނަލަކާއި، ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯގެ ވަސީލަތްތަކާއި، އާ ކޮންޓްރޯލް ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަނަކާއި އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދުތައް ވެސް ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS