ކުޅިވަރު / ޚަބަރު
ޔުވެންޓަސްގެ އަހަރީ ދުވަހުގެ ހަރަކާތެއް މަހިބަދޫގައި ބާއްވަނީ

މަހިބަދޫގައި އޮންނަ ޔުވެންޓަސްގެ އިވެންޓުތަކުގައި އެޑްގާ ޑާވިޑްސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައި ---
އިޓަލީގެ ޑޮމެސްޓިކް ބޮޑު ތިން މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ޔުވެންޓަސްގެ 127 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކެއް އދ. މަހިބަދޫގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ދިވެހިރާއްޖޭގެ އިތުރުން މި ހަރަކާތްތައް ދެން ބާއްވަނީ އެމެރިކާގެ ނިއު ޔޯކް ސިޓީ އާއި ޑެންމާކްގެ ފެރޯ އައިލެންޑްސްގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޔުވެންޓަސްގެ މި އިވެންޓު ރާއްޖޭގައި ބޭއްވުމަށް އެންމެ އިސް ދައުރެއް އަދާކުރީ މަހިބަދޫގެ ކޮންޓެންޓް ހަދާ ފަރާތެއް ކަމުގައިވާ މުހައްމަދު ނައުޝާދެވެ. ނައުޝާދަކީ ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުންއަންނަ ފަރާތެކެވެ.
ޔުވެންޓަސްގެ މި ހަރަކާތްތައް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި އިވެންޓުތައް ކުރިޔަށްދާނީ މަހިބަދޫގެ ޕެލޭ ސްޓޭޑިއަމްގައެވެ. މި އިވެންޓުތަކުގައި ޔުވެންޓަސްގެ ފަރާތުން އެޑްގާ ޑާވިޑްސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި އިވެންޓާ ގުޅިގެން ސޯޝަލް މީޑިއާގައި ނައުޝާދު ހިއްސާކޮށްފައިވާ ގޮތުގައި، މިއީ މުޅި ރާއްޖެއަށް އަދި ޚާއްސަކޮށް މަހިބަދޫއަށް ލިބޭ ބޮޑު ޝަރަފަކަށްވެފައި، ރައްޔިތުންނަށް ގިނަގުނަ ފައިދާކުރާނެކަމަކަށްވާތީ، މަހިބަދޫގެ އެންމެހައި ރައްޔިތުންނާއި، ސަރުކާރުގެ ވުޒާރާތަކުން އޭނާއަށް އެއްބާރުލުން ބޭނުންވެއެވެ. އަދި މި އިވެންޓުގެ ޚަބަރުތައް އޭނާގެ އިންސްޓްގްރާމް އެކައުންޓު މެދުވެރިކޮށް ޙިއްސާކުރާނެކަމަށް ހާމަކޮށްފައިވެއެވެ.