ޚަބަރު
މޯލްޓާގެ ބައެއް ވަޒީރުންނާ ބައްދަލުކުރެއްވުމަށް ހާރިޖީ ވަޒީރު އެ ޤައުމަށް ވަޑައިގެންފި

ހާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް، ފޮޓޯ: ޕީއެސްއެމް ނިއުޒް
މޯލްޓާގެ ބައެއް ވަޒީރުންނާ ބައްދަލުކުރެއްވުމަށް ހާރިޖީ ވަޒީރު، ޑރ. އަބްދުﷲ ޚަލީލް އެ ޤައުމަށް މިއަދު ވަޑައިގެންފިއެވެ.
ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެންމެ ޙާއްސަކަމެއް ދެއްވައިގެން ބައްދަލުކުރައްވާނީ މޯލްޓާގެ ބޮޑު ވަޒީރުގެ ނައިބާއި އަދި ޚާރިޖީ އަދި ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިއާން ބޯރގްއާއެވެ. މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރައްވާނީ ދެ ޤައުމުގެ ގުޅުން ބަދަހި ކުރެއްވުމަށާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ކަމަށް ހާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި ދެ ބޭފުޅުންގެ އިތުރުން، އެ ޤައުމުގެ ކެބިނެޓުގެ މުހިންމު އެހެން ވަޒީރުންނާ ވެސް ހާރިޖީ ވަޒީރު ބައްދަލުކުރައްވާނެއެވެ.
ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން މޯލްޓާގެ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި، ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ އިތުރުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުން ހިމެނެއެވެ. އަދި ފަތުރުވެރިކަމާއި ވިޔަފާރި ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް ގެންދާނެކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.