Ads by Farudhun

ޚަބަރު

10 އަހަރުގެ ތެރޭގައި ރަސްމާލެއަށް ފުރިހަމަ ސިޓީއެއްގެ ސިފަ އަންނާނެ: ރައީސް

10 އަހަރުގެ ތެރޭގައި ރަސްމާލެއަށް ފުރިހަމަ ސިޓީއެއްގެ ސިފަ އަންނާނެ: ރައީސް

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްއޭސީއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޮކްޓޯބަރު 2026، 01:54

30 އޮކްޓޯބަރު 2026، 01:54

ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރަސްމާލެއަށް ފުރިހަމަ ސިޓީއެއްގެ ސިފަ އަންނަ މިންވަރަށް ތަރައްޤީގެ މަސައްކަތްތައް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޭޝަން ޗެޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރަސްމާލޭގައި ކުރިއަށްގެންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށެވެ.

ރަސްމާލޭގެ 1150 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއީ މުޅި ރަސްމާލޭގެ ތަރައްޤީއާ ގުޅިފައިވާ މަޝްރޫޢެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ސަރަޙައްދަށް އަންނަ ބޮޑު އިންވެސްޓްމަންޓަށް އޮތް އިތުބާރުގެ ސަބަބުން، ބޭރުގެ އެހެން ވިޔަފާރިތަކުން ވެސް މިހާރު ރަސްމާލޭގައި މަޝްރޫޢުތައް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ކުރާ އިންވެސްޓްމަންޓަށް އަނބުރާ ފައިދާ ލިބޭނެކަން މިހާރުވެސް ސާފުވާ ކަމަށާއި، ރަސްމާލޭގައި ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ 650 ހެކްޓަރު ތަރައްޤީކުރަން މަޑުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެ ސަރަޙައްދުގެ ޕަވަރ ސަޕްލައި އާއި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ވެސް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ސިނަމާލެ ބުރިޖާއެކު ހުޅުމާލެއަށް ބޮޑު ތަރައްޤީއެއް އައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިތުބާރު ހުރި މަޝްރޫޢުތަކާއެކު ތަރައްޤީގެ އައު ދޮރުތައް ހުޅުވިގެންދާ ކަމަށެވެ. ހަމައެގޮތަށް ރަސްމާލެއަށް ލިބިފައިވާ ބޮޑު އިންވެސްޓްމަންޓާއެކު، ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި އެތަނަކީ ފުރިހަމަ ސިޓީއަކަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން، މިހާރު ރަސްމާލެއިން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ދޫކުރެވޭ ވަރަށް އަދި އެއަށްވުރެ އިތުރަށް ވެސް އެތަނުގައި ބިން އޮންނާނެ ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ރަސްމާލެއިން 15000 ގޯތި ދޫކުރުމަށް ވަނީ އިޢުލާނުކޮށްފައެވެ. ރަސްމާލެ ތަރައްޤީ ކުރަނީ އިންޑިއާ ކަނޑުގައި ތަރައްޤީކުރާ ފުރަތަމަ ތިމާވެއްޓާ ރައްޓެހި "ޒީރޯ ކާބަން ސިޓީ" ނުވަތަ "އިކޯ ސިޓީ" މޮޑެލްގެ ދަށުންނެވެ. އަދި މިއީ ޒަމާނީ ޓެކްނޮލޮޖީއާއެކު މުޖުތަމަޢުގެ އެންމެހާ ފަރާތްތަކަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ގޮތަށް ފަރުމާކުރެވޭ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނެ ނަމޫނާ މަޝްރޫޢެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450