ޚަބަރު
އަލަށް އަޅާ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލުގެ މަސައްކަތް ވަޒީރު ބައްލަވާލައްވައިފި

އަލަށް އަޅާ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލު ވަޒީރު ބައްލަވާލައްވަނީ ފޮޓޯ: ވުޒާރާ
ސްވިމިންގ އެސޯސިއޭޝަނުން އަލަށް ގާއިމުކުރަމުންދާ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލުގެ މަސައްކަތް ކުރިއަށްދާ ގޮތް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ބައްލަވާލައްވައިފިއެވެ.
ވަޒީރު ރާފިއު ވަޑައިގެން ބައްލަވާލެއްވި މި ޕޫލަކީ ސްވިމިންގ އެސޯސިއޭޝަނުން އަމިއްލަ ފަރާތަކާ ގުޅިގެން ގާއިމުކުރަމުންދާ 50 މީޓަރުގެ އޮލިމްޕިކް ސައިޒް ޕޫލެކެވެ. ވަޒީރު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސްވިމިންގ އެސޯސިއޭޝަނުގެ ނައިބު ރައީސް އިސްމާއިލް އަލީއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިއަދު ވަނީ ހުޅުމާލޭގައި ޤާއިމްކުރަމުން އަންނަ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައި.
މިއަހަރު ނިމުމުގެ ކުރިން މި ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، މިވަގުތު… pic.twitter.com/h6jn1Y4nnj
— Ministry of Sports, Fitness and Recreation (@MoSFR_mv) April 7, 2025
ވަޒީރު ރާފިއު ވަނީ މި ޕޫލުގެ އެންމެ ފަހުގެ މަސައްކަތް ދާގޮތް އޮޅުންފިލުއްވައި، މިހާރު ކުރަން ހުރި ބައެއް މަސައްކަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ. މިވަގުތު ކުރިއަށްދަނީ ޕޫލުގެ ފައުންޑޭޝަން އަޅައި ބޭސް ގާއިމުކުރުމުގެ މަސައްކަތެވެ.
ސްވިމިންގ އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ސްވިމިންގ ކޮމްޕްލެކްސްއަކީ ދެ ބުރިއަށް ހަދާ، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ސްވިމިންގ ތަމްރީނުތައް ކުރިއަށްގެންދެވޭނެ ތަނެކެވެ. ޕޫލުގައި ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން ތަކެތި ވަނީ ރާއްޖެއިން ބޭރުން ޚާއްޞަކޮށް ތައްޔާރުކޮށްގެން ގެނެސްފައެވެ.
މި އަހަރުގެ އޭޕްރީލް މަހު ފެށުނު މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހާތަނަށް މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ބުނެއެވެ. އާ ޕޫލް އަޅަމުންދަނީ މިހާރު ހުޅުމާލޭގައި ހުރި ސްވިމިންގ ޕޫލާ ޖެހިގެން އޮތް ބިމުގައެވެ.