ޚަބަރު
ހިޔާ ޓަވަރުތަކުގައި ބެހެއްޓި އިތުރު ލިފްޓުތައް ޓެސްޓުކުރަން ފަށައިފި

ހިޔާ ޓަވަރުތަކުގައި ބެހެއްޓި އިތުރު ލިފްޓުތައް ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ލިފްޓު އިތުރުކުރުމުގެ މަޝްރޫޢުގެ ދަށުން، ބައެއް ޓަވަރުތަކުގައި ލިފްޓު ހަރުކޮށް ނިންމައި، މިއަދު ޓެސްޓުކުރަން ފަށައިފިއެވެ. މިކަން ހާމަކޮށްދެއްވަމުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލިފްޓު ޓެސްޓުކުރަން ފަށާފައިވަނީ ޓަވަރު 1، 2 އަދި 3 ގައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކޮންމެ ހިޔާ ޓަވަރެއްގައި އިތުރު ދެ ލިިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް 18 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 32 ލިފްޓު ގަތުމަށް 18 މިލިއަން ޑޮލަރު ހޭދަވެފައިވާ ކަމަށް އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވަނީ ހާމަކުރައްވާފައެވެ.
އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އަލަށް ހަރުކުރެވޭ ލިފްޓުތަކަކީ 15 މީހުންގެ ޖާގައިގެ ލިފްޓުތަކެކެވެ. އަދި މި ލިފްޓުތަކުގައި ބަލިމީހުންގެ ސްޓްރެޗަރ އެރުވޭވަރުގެ ޖާގަ ވެސް ހުންނާނެއެވެ. މީގެ އިތުރުން، ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ލިފްޓުތަކުގެ ފްލޯ ނަންބަރުތައް ބްރެއިލްއިން އެންގްރޭވް ކުރެވިފައި ހުންނާނެއެވެ.
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެއް ކަމަށްވާއިރު، މި މަޝްރޫޢު ތަންފީޒުކުރުމަށް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލުކުރެވިފައިވަނީ ޗައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ. އެޗްޑީސީގެ އޮފިޝަލުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ބާކީ ހުރި ޓަވަރުތަކުގައި ވެސް ލިފްޓު ހަރުކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާނެއެވެ.
Testing has begun today on the newly installed additional elevators at Hiyaa Flats. This fulfills President @MMuizzu’s presidential pledge to resolve the elevator congestion issue faced by Hiyaa residents for years. These new larger elevators soon to be in service will be a… pic.twitter.com/1wXqdkO9iI
— Pokman 🇲🇻 (@PokmanMV) April 7, 2025