ކުޅިވަރު
ވީއޭއެމް ކަޕްގެ އަންހެނުންގެ މުބާރާތް މާދަމާ ފަށަނީ

މިދިޔަ އަހަރު ވީއޭއެމް ކަޕް ކާމިޔާބުކުރި ވެމްކޯއިން ތަށި އުފުލާލަނީ، ފޮޓޯ: ޕީއެސްއެމް
ވޮލީބޯލް އެސޯސިއޭޝަނުން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ ވީއޭއެމް ކަޕްގެ އަންހެނުންގެ މުބާރާތް މާދަމާ ފަށާނެއެވެ.
މި އަހަރުގެ ވީއޭއެމް ކަޕްގައި 8 ޓީމެއް ވާދަކުރާނެއެވެ. އަދި މީގެ ތެރެއިން 4 ޓީމަކީ މުޅިން އަލަށް މުބާރާތައް ކޮލިފައިވެފައިވާ ޓީމުތަކެވެ. އެއީ ހުރާ ކޮމިއުނިޓީ ކުލަބާއި، ނައިފަރު ޖީޖީ ސްޕޯޓްސް ކުލަބާއި، ފްލެކްސާ ސްޕޯޓްސް ކުލަބު އަދި ސިޓީ ފްރެންޑްސް ކުލަބެވެ.
މި މުބާރާތް ކުރިޔަށް ދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި 4 ޓީމެއް ހިމެނޭނެއެވެ.
މި މުބާރާތުން އަންހެނުންގެ ޤައުމީ ވޮލީ ލީގަށް ކޮލިފައިވާނީ އެންމެ މޮޅު 6 ޓީމެވެ. ވޮލީ ސީޒަންގައި ލީގަށްފަހު ދެން އޮންނާނީ އަންހެނުންގެ ޤައުމީ މުބާރާތެވެ. ޤައުމީ މުބާރާތަށް ކޮލިފައި ވާނީ އެންމެ ރޭންކިން ރަގަޅު 4 ޓީމެވެ.
ވީއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޤައުމީ މުބާރާތް ކުރިޔަށްގެންދާނީ އެހެން ފަހަރު ފަހަރާ ތަފާތުކޮށެވެ. އެގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެއްވަނަ ލިބޭ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ދެން ފައިނަލަށްދާ ޓީމެއް ކަނޑައަޅާނީ ދެވަނަ އާއި ތިންވަނައަށްދާ ޓީމުގެ މެދުގައި ކުޅޭ ސެމީފައިނަލް މެޗަކުންނެވެ.
ވީއޭއެމްގެ އަމާޒަކީ މި އަހަރު ވޮލީގެ ފޯރީ ރާއްޖޭގައި އިތުރުކޮށް، ސަރުކާރާ ގުޅިގެން އަތޮޅުތެރެ އާއި މާލޭގައިވެސް ވޮލީގެ ވަސީލަތްތައް އިތުރު ކުރުމެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ވޮލީން އިތުރު ވަނަތައް ހޯދުމެވެ.