ޚަބަރު
ރާއްޖެއާއި މޯލްޓާއާއި ދެމެދު ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މޯލްޓާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: ޚާރިޖީ ވުޒާރާ
ހުލާސާ
ރާއްޖެއާއި މޯލްޓާއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މި މަޝްވަރާތައް ކޮށްފައިވަނީ، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މޯލްޓާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް، ޑރ. އިއަން ބޯގްއާއެކު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި މޯލްޓާއަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެޤައުމު ކަމުގައި ދެ ވަޒީރުން ވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި މަޝްވަރާތަކަކީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެވަޒީރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި، ކުދި ޖަޒީރާ ޤައުމުތަކުގެ ހައިސިއްޔަތުން ރާއްޖެއާއި މޯލްޓާއާ ޚާއްޞަކޮށް އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މިކަމުގައި ދެ ޤައުމުގެވެސް ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، ވިޔަފާރީގެ ދާއިރާއިން އައު ފުރުޞަތުތައް އިތުރުކުރުމާއި ގުޅޭގޮތުން ވަޒީރުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް ދެ ޤައުމުގެ ވަޒީރުން ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. ހަމަ އެހެންމެ، މަތީ ތަޢުލީމުގެ ދާއިޜާ އިތުރަށް ހަރުދަނާކޮށް، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވާލާފައެވެ.
މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު ވަނީ ވަޑައިގެންފައެވެ.