ޚަބަރު
ރ. އުނގޫފާރު މަގު ހެދުމުގެ %98 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ރ. އުނގޫފާރު މަގު ހެދުމުގެ މަސައްކަތް/ފޮޓޯ: އެމްޓީސީސީ
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫޢުގެ %98 މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، އުނގޫފާރުގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން އެ މަގުތަކުގެ ކެރެޖްވޭ ހެދުމާއި ސައިޑްވޯކް ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ހަމަ އެހެންމެ، ސާވިސް ލައިންތައް ބެހެއްޓުމުގެ މަސައްކަތާއި، ސްޓޯމްވޯޓާ އިންފުލްޓްރޭޝަން ސިސްޓަމް ގެނައުމުގެ މަސައްކަތް ވެސް މިހާރު ނިންމާފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން، 7511.70 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއްގައި ސަބްގްރޭޑް، ސަބްބޭސް އަދި ތާރު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީއިން މަޢުލޫމާތުދެއެވެ. އަދި 2291.75 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރާނެކަމަށް އެމްޓީސީސީ އިން ވިދާޅުވިއެވެ. ހަމަ އެހެންމެ، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ.
މި މަޝްރޫޢު ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 04 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ ޖުމްލަ 20.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.