ދުނިޔެ
" އަހަރެން ދިރިމިހުރީ މަޤްސަަދެއް އޮވެގެން ": ޝެއިޚް ހަސީނާ

ޝެއިޚް ހަސީނާ ފޮޓޯ:އިންޓަނެޓް
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެފައިވަނީ އޭނާ ދިރިހުރީ މަގުސަދަކާ އެކު ކަމަށާއި، އަވާމީ ލީގުގެ މެންބަރުންނަށް އަމާޒުކޮށް ހަމަލާދޭ ފަރާތްތަކަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ ކަމަށެވެ.
އަވާމީ ލީގުގެ ރައީސް، ޝެއިޚް ހަސީނާ މި ވާހަކަ ދައްކަވާފައިވަނީ އިންޑިއާއަށް ފިލާވަޑައިގެންނެވުމަށްފަހު، އެ ޕާޓީގެ ލީޑަރުންގެ އާއިލާ މެންބަރުންނާ ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.
77 އަހަރުގެ އުމުރުފުޅުގެ މި ލީޑަރު ވިދާޅުވެފައިވަނީ ތަރައްގީގެ މޮޑެލެއްގެ ގޮތުގައި ދެކެމުން އައި ބަންގްލަދޭޝް މިހާރު ވަނީ "ޓެރަރިސްޓް ގައުމަކަށް" ބަދަލުވެފައި ކަމަށެވެ. "އަޅުގަނޑުމެންގެ ލީޑަރުންނާއި މަސައްކަތްތެރިން ވަނީ ބަޔާންނުކުރެވޭ ފަދަ ގޮތަކަށް މަރާލެވިފައި. އަވާމީ ލީގު، ފުލުހުން، ވަކީލުން، ނޫސްވެރިން، އެންމެންނަށް ވެސް އަމާޒުކުރެވެނީ،" އޭނާ ވިދާޅުވިއެވެ.
ކުރީގެ ބޮޑުވަޒީރު ތުހުމަތު ކުރައްވާފައިވަނީ ބަންގްލަދޭޝްގައި މީޑިއާ ހަނިކުރެވިފައިވާ ކަމަށެވެ. "ރޭޕް، މަރު، ވައްކަން، އެއްވެސް ކަމެއް ރިޕޯޓް ނުކުރެވޭ. އަދި ރިޕޯޓް ކޮށްފިނަމަ، އެ ޓީވީ ޗެނަލް ނުވަތަ ނޫސް އަމާޒަކަށްވާނެ،" އޭނާ ވިދާޅުވިއެވެ.
އޭނާގެ މުޅި އާއިލާ، އޭގެ ތެރޭގައި އޭނާގެ ބައްޕާފުޅު އަދި ބަންގްލަދޭޝްގެ ފުރަތަމަ ރައީސް ޝެއިޚް މުޖީބުރް ރަހްމާން ހިމެނޭ ގޮތަށް، މަރާލެވުނު ހިތާމަވެރި ހާދިސާ ހަނދާންކުރައްވަމުން، އޭނާ ވިދާޅުވީ
އަހަރެންނަށް ގެއްލުވާލީ ބައްޕަ، މަންމަ، އަޚުން، އެންމެން އެއް ދުވަހު. އޭގެ ފަހުން އަޅުގަނޑުމެންނަށް ގައުމަށް އެނބުރި ނާދެވުނު. އަމިއްލަ މީހުން ގެއްލުވާލުމުގެ ވޭން އަހަރެންނަށް އެނގޭ. ﷲ އަހަރެން ރައްކާތެރިކުރައްވަނީ، ފަހަރެއްގައި އަހަރެން މެދުވެރިކޮށް ހެޔޮކަމެއް އޮވެގެން، މި ކުށްތައް ކުރި މީހުންނަށް އަދަބު ލިބެންޖެހޭނެ. މިއީ އަހަރެންގެ ވައުދު
ޝެއިޚް ހަސީނާ
މި ބައްދަލުވުމުގައި، މަރާލެވުނު އަވާމީ ލީގުގެ މަސައްކަތްތެރިންނާއި ލީޑަރުންގެ އާއިލާ މެންބަރުން އެމީހުންނާ ދެކޮޅަށް ކުރެވުނު އަނިޔާވެރި ޢަމަލުތަކުގެ ވާހަކަ ކިޔައިދިނެވެ. "މިއީ އިންސާނުންނެއް ނޫން، އެމީހުންނަށް އިންސާފު ލިބޭނެ. ﷲ މިކަން ގަބޫލެއް ނުކުރައްވާނެ،"