ޚަބަރު
މިފްކޯއިން 55 ދޯންޏަކަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްވެރިންތަކެއް މަސް ބާނަނީ/ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މިފްކޯއަށް މަސް ކިރާފައިވާ 55 ދޯންޏަކަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.
މިފްކޯއިން ވިދާޅުވީ، މި ފައިސާއަކީ މިމަހުގެ 06 ވަނަ ދުވަހު ނިޔަލަށް މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް ދޫކޮށްފައިވާ ފައިސާ ކަމަށެވެ. އެގޮތުން، މި މަހުގެ 06 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް ދޫކުރި ފައިސާގެ އަދަދު ޖުމްލަ 3،191،902.56 ދިވެހި ރުފިޔާއަށް އަރާކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މިއާއިއެކު، މި މަހުގެ 06 ވަނަ ދުވަހާއި ހަމައަށް މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ނިމިފައިވާ ކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.
މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން ނިމިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފަށައިގެން މިފްކޯ އިން އަންނަނީ މި ވަޢުދު ފުއްދުމަށްޓަކައި، މަސްވެރިން ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދައްކަމުންނެވެ.
މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ސިނާޢަތްކަމަށް ހެދުމަށް ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަސްވެރިކަމުގެ ލޯނު ސްކީމްތައް ތަޢާރަފުކޮށް، މަސްވެރިކަމުގެ އާލާތްތައް އަގުހެޔޮކޮށް ލިބޭނެ މަގު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއަޅައި، މަސްވެރިންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.