ޚަބަރު
ރަސްދޫ އަލިފާނުގެ ޙާދިސާ: އަނިޔާވި ފިރިހެން މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް!

އައިޖީއެމްއެޗް/ފޮޓޯ: ކޮރަލްގުލާސް މާކެޓް
އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ފިރިހެންމީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސްފިއެވެ.
ކަމާ ގުޅުންހުރި ފަރާތަކުން "ފަރުދުން މީޑިއާ" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ފިރިހެންމީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވަނީ، އިއްޔެ މެންދުރުގެ ވަޤުތެއްގައެވެ.
މި މީހާއަށް މީގެ ކުރިން ފަރުވާ ދީފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގަައި ވެންޓިލޭޓަރަށް ލައިގެންނެވެ. ނަމަވެސް، ކޮންމެވެސް ވަރަކަށް ޙާލަތު ރަނގަޅުވުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު އޭނާ ވަނީ ވެންޓިލޭޓަރުން ނަގައިފައެވެ. ވެންޓިލޭޓަރުން ނެގި ނަމަވެސް އޭނާއަށް ފަރުވާދެމުންދިޔައީ އައިޖީއެމްއެޗްގެ އައިސޫޔޫގައެވެ. އަދި މިވަގުތު އޭނާއަށް ފަރުވާދެމުންދަނީ އިންޑިއާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައިކަމަށް މަޢުލޫމާތުލިބެއެވެ.
މި ޙާދިސާގައި ފިރިހެން މީހާގެ އިތުރުން ޒަޚަމްވެފައިވަނީ އޭނާގެ އަނބިމީހާއަށެވެ. ދެ މީހުންނަށް ވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ދެ މީހުންނަކީ ވެސް 31 އަހަރުގެ ދެ މީހުންނެވެ. އަލިފާނުގެ ހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ 83 އިންސައްތަ އަދި ފިރިހެން މީހާގެ 78 އިންސައްތަ ފިހިފައިވާކަމަށް އައިޖީއެމްއެޗުން މީގެ ކުރިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.
މި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ މި ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ.ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޙާދިސާގެ ތަޙުޤީޤު މިހާރުވެސް ކުރިއަށް ދާކަމަށެވެ.