ކުޅިވަރު
ރައިސްގެ ހިލޭޖެހުންތަކުން އާސެނަލްއިން ޔޫރަޕްގެ އެންމެ ކާމިޔާބު ޓީމު ބޮޑު ތަފާތަކުން ބަލިކޮށްފި

ޑެކަލަން ރައިސްގެ ގޯލަކާއެކު އާސެނަލްއިން އުފާފާޅުކުރަނީ، ފޮޓޯ: ގެޓީއިމޭޖަސް
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި، އާސެނަލްގެ އެމިރޭޓެސް ސްޓޭޑިއަމްގައި އެ ޓީމުން ޔޫރަޕްގައި އެންމެ ކާމިޔާބު ޓީމު ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.
ރެއާ ހަމައަށް އާސެނަލްގެ މިޑްފީލްޑަރ ޑެކްލަން ރައިސް އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި 338 މެޗު ކުޅެފައިވާއިރު، މިހާތަނަށް ހިލޭޖެހުމަކުން އޭނާއަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑު ކޮޅަށް ދެވަނަ ހާފުގައި ކާމިޔާބުކުރި މޮޅު ދެ ހިލޭޖެހުމާއެކު، އެ ޓީމުން ސެމީފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ. އަދި މިއީ މުބާރާތުގެ ނޮކް-އައުޓް މެޗެއްގައި ކުޅުންތެރިއަކު ދެ ހިލޭޖެހުން ކާމިޔާބުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
މެޗުގެ ކުރީކޮޅު އާސެނަލްއިން ކޮންޓްރޯލް ނެގިއިރު، 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައެވެ. އެގޮތުން ރައިސް ފޮނުވާލި ބޯޅައެއް ރައުލް އެސެންސިއޯ ބްލޮކްކުރިއިރު، ތޯމަސް ޕާޓޭ ފޮނުވާލީ ބޯޅަ ސަލާމަތްކުރީ ރެއާލްގެ ގޯލްކީޕަރު ތިއާބަތު ކޯޓްވާއެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅަށް ދިޔައިރު، ދެ ޓީމުން ވެސް ގޯލެއް ކާމިޔާބުކުރުމަށް ކުރަމުންދިޔަ މަސައްކަތާއެކު، ސްކޯރ ބޯޑަށް ބަދަލު ގެނެވޭނެފަދަ ރަގަޅު ފުރުސަތުތައް ހޯދަމުންދިޔައެވެ. އެގޮތުން ކީލިއަން އެމްބައްޕޭ ގޯލު ކައިރިން ފޮނުވާލި ހަމަލާ އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ހިފަހައްޓާފައިވާއިރު، އަނެއްކޮޅުން ރައިސްގެ އިތުރު ހަމަލާއަކާއި، މާޓިނެލީ ފޮނުވާލި ދެ ބޯޅައެއް ކޯޓްވާ ވަނީ ދިފާއުކޮށްފައެވެ.
ގޯލު ދިފާއު ކުރުމުގައި ދެ ކީޕަރުން ވެސް ތަފާތު ދައްކަމުން ދިޔައިރު، ކީޕަރުން ފޫއަޅުވާލުމަށް ތަފާތު އުކުޅެއް ބޭނުންކުރަން މަޖުބޫރުވި ފަދައެވެ. އެގޮތުން ފުރަތަމަ ހާފުގައި ރެއާލްގެ ގޯލު ފޫއަޅުވާލުމަށް ރައިސް ކުރި މަސައްކަތް ބޭކާރުކޮށްލާފައިވަނިކޮށް، ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހިލޭޖެހުން މަތަކުރުމަށް ކޯޓްވާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ.
ރެއާލްގެ ޕެނަލްޓީ އޭރިއާގެ ބޭރުން، ކަނާތް ފަރާތުން، އޭނާގެ ފުރަތަމަ ހިލޭ ޖެހުން ފޮނުވާލީ ރެއާލުން ބެހެއްޓި ފާރުގެ ވާތް ފަރާތުންނެވެ. އެނބުރެމުން ދިޔަ މި ބޯޅަ ގޯލަށް ވަނީ، ގޯލްކީޕަރަށް އެ ބޯޅަ މަތަކުރެވޭނެ ފުރުސަތެއް ނުދީއެވެ.
މި ގޯލާއެކު އާސެނަލްގެ ކުޅުންވީ އިތުރަށް ވަރުގަދައެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި އާސެނަލްއަށް ލިބުނު އިތުރު ހިލޭ ޖެހުމެއް ފޮނުވާލުމަށް ރައިސްއާ އަނެއްކާ ވެސް ހަވާލުކުރިއެވެ. މި ހިލޭޖެހުން ވެސް ކާމިޔާބުކޮށް، ޖޯޝާއެކު ފޯރި ނަގަމުން ދިޔަ އެ ޓީމުގެ ސަޕޯޓަރުންނަށް ރައިސް ދިނީ އިތުރު ހިތްވަރެކެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން ގޯލުގެ މެދާދިމާލުން ފޮނުވާލި މި ހިލޭ ޖެހުން އޭނާ އަމާޒުކުރީ ކަނާތް ފަރާތުގެ ކަނަށް، ކީޕަރާ އެންމެ ދުރު ޕޮއިންޓަށެވެ.
އަދި އޭގެ ފަސް މިނެޓު ފަހުން އާސެނަލްގެ ވާތް ފަރާތުން މައިލްސް ލެވިސް-ކެލީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ، ރެއާލްގެ ޕެނަލްޓީ އޭރިއާގެ ރޮނުމަތީގައި ހުރެފައި ކަހަލަ ގޮތަކަށް ފޮނުވާލައި، އާސެނަލްގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ މިކެލް މެރީނޯއެވެ.
މި މެޗުގެ އިތުރު ވަގުތުގައި ރެއާލްއަށް ދެން ލިބުނު ގެއްލުމަކީ އެޑުއާޑޯ ކަމަވިންގާއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.
މި ދެ ޓީމު ކުޅޭ ކުއާޓާ ފައިނަލުގެ ދެވަނަ ލެގު އޮންނާނީ މި އަންނަ ހަފްތާގައި މެޑްރިޑުގައެވެ.