ކުޅިވަރު
މިއުނިކްގައި ބެޔާން ބަލިކޮށް އިންޓަ މިލާނުން ސެމީގެ އުއްމީދު ބޮޑުކޮށްފި

މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު އެލަސާންޑްރޯ ބަސްޓޯނީ، ފޮޓޯ: ޗެމްޕިއަންސް ލީގު
ޖަރުމަނުގެ ގަދަބާރު، ބެޔާން މިއުނިކް އެ ޓީމުގެ ދަނޑުގައި 2-1 އިން ބަލިކުރުމަށްފަހު އިންޓަ މިލާނުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ އުއްމީދު ބޮޑުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ގަޑިއެއްހާއިރު، ބެޔާން ވަނީ އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި މެޗު ޑޮމިނޭޓުކޮށްފައެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓުގައި އިންޓާއިން އުފެއްދި އެ ޓީމުގެ ފުރަތަމަ ހަމަލާ އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.
އިޓާލިއަން ސީރީ އާގެ އެއްވަނައިގައި އޮތް އިންޓާއިން ކާމިޔާބުކުރީ ފުރިހަމަ ޓީމު ގޯލެކެވެ. އެ ޓީމުގެ ވާތް ފަރާތުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބެޔާންގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި މާކަސް ތުރާމް އެއް ޓަޗުން ސެޓުކޮށްދިނީ، ޕެނަލްޓީ އޭރިއާގެ ބޭރުން ދުވަމުން އައި ލައުޓާރޯ މާޓިނޭޒްއަށެވެ. އޭނާ ވެސް އެއް ޓަޗުން، ބޫޓުގެ ބޭރު ފަރާތުން ޖަހައި މި ބޯޅަ ފޮނުވާލީ ގޯލުގެ މަތީ ދާގަނޑަށެވެ.
ބެޔާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް، އެ ޓީމުގައި ފަހު ދުވަސްތައް ގުނަމުންދާ ތޯމަސް މުލާރއެވެ. ކޮންރަޑް ލައިމާރ ތިރިތިރިން ހުރަސްކޮށްލި މި ބޯޅަ މެޗު ނިމެން 5 މިނެޓަށްވެފައި ވަނިކޮށް އިންޓާރގެ ގޯލަށް މުލާރ ފޮނުވާލީ، ގޯލާ ވަރަށް ކައިރީގައި ހުރުމަށްފަހުއެވެ. އަދި އުމުރުން 35 އަހަރުގެ މުލާރ ބެޔާންއާއެކު 25 އަހަރު ހޭދަކުރުމަށްފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަމަށް މިދިޔަ ހަފްތާ އިއުލާންކޮށްފައި ވަނިކޮށް އޭނާ ކާމިޔާބުކުރި މި ގޯލަކީ، މި މެޗުން އެ ޓީމު ބަލިވުމުން ސަލާމަތްކޮށްދޭނެ ގޯލެއްކަމަށް ބެލެވުނެވެ.
ނަމަވެސް ތިން މިނެޓުފަހުން ކާރލޯ އޮގަސްޓޯގެ ހުރަހަކުން ޑެވިޑޭ ފްރަޓެސީ އިންޓާއަށް ކާމިޔާބުކޮށްދިން ގޯލާއެކު، މިއުނިކް ދޫކޮށް ދިއުމުގެ ކުރިން އިންޓާއިން އެޑްވާންޓޭޖުނެގިއެވެ.
މި ނަތީޖާއާއެކު، ޗެމްޕިއަންސް ލީގުގައި 2021 އިން ފެށިގެން ބެޔާން ދަމަހައްޓަމުން އައި ރަގަޅު ފޯމް ވެސް ނިމުމަކަށް އައެވެ. އެ ޓީމުން ވަނީ މި މުބާރާތުގައި މެޗަކުން ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ މިއަންނަ ހަފްތާގެ ބުދަދުވަހު ސެންސީރޯގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބެޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ، މި އާދެވުނީ އަދި "ހާފް-ޓައިމް"އަށް ކަމަށާއި، ދެވަނަ ލެގު ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.
މި ދެ ޓީމުގެ ތެރެއިން ކުއާޓާ ފައިނަލް ކާމިޔާބުކުރާ ޓީމެއް ސެމީފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ބޮރޫޝިއާ ޑޯޓްމަންޑް ނުވަތަ ބާސެލޯނާއާއެވެ.