ކުޅިވަރު
ފުޓުބޯޅަ ސީޒަން ލަސްވުމުން އެފްއޭއެމްއިން ބާއްވަން ބުނި މުބާރާތުގެ މަސައްކަތް ފަށައިފި

ދިވެހި ޕްރިމިއަރ ލީގު 2018 - ފޯކައިދޫ އާއި ނިލަންދޫ ---
ގިނަ ދުވަސްތަކަކަށްފަހު މި މަހު ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ތައްޔާރުވަމުން ދަނިކޮށް، އެކަން މަޑުޖައްސާލުމަށްފަހު އޯގަސްޓު މަހަށް ފަސްކުރުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން އެންގުމާ ގުޅިގެން، އެފްއޭއެމްއިން ބާއްވާނެކަމަށް ބުނި ވާދަވެރި މުބާރާތުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފުރަތަމަ ޑިވިޝަނުގެ ކްލަބުގެ ކްލަބުތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެފްއޭއެމްއިން ބުނީ މި މަސައްކަތް ފެށީ ފީފާ އާއި އޭއެފްސީ އާއި ސަރުކާރާ މަޝްވަރާ ކުރުމަށްފަހުއެވެ.
މި މަޝްވަރާތަކަށްފަހު ނިންމާފައިވަނީ، ފީފާ އާއި އޭއެފްސީ އިން ކަނޑައަޅާ އުސޫލުތަކާ ގަވާއިދުތަކާ އެއްގޮތަށް، މި މަހުގެ ފަހު ހަފްތާ އިން ފެށިގެން މެއި މަހުގެ ނިޔަލަށް މުބާރާތެއް ބޭއްވުމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު ފީފާއަށް ހުށަހަޅަން ޖެހެއެވެ.
އަދި މި މުބާރާތަކީ، އެފްއޭއެމްގެ ކަލަންޑަރުގައި ހިމަނާފައިވާ މުބާރާތަކަށް ނުވުމުން، ރެލިގޭޝަނާއި ކްލަބް ލައިސަންސްގެ އުސޫލުތައް މުބާރާތުގެ ގަވާއިދުގައި ނުހިމެނުމަށް ފީފާ އިން ލަފާދީފައިވާ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.
އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި، މިއަންނަ ޖޫން އަދި ޖުލައި މަހު އޭޝިއަން ކަޕްގެ ކޮލިފައިން މެޗުތަކާއި، ސާފް ޗެމްޕިއަންޝިޕް މުބާރާތް އޮތުމުން، އެ މެޗުތަކަށް ޤައުމީ ސްކޮޑު ތައްޔާރުކުރުމަށް މިއީ މުހިންމު މުބާރާތަކަށް ވެގެންދާނެއެވެ.
އެފްއޭއެމް އިން ވަނީ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފުރަތަމަ ޑިވިޝަނުގެ ކްލަބްތައް، ބުރާސްފަތި ދުވަހު، 16:00 ގެ ކުރިން، އެފްއޭއެމަަށް ލިޔުމަކުން އެންގުމަށް ބުނެފައެވެ.