ޚަބަރު
"މޯލްޑިވްސް އެކްސްޕޯ 2025" ކުރިއަށް ގެންދިޔުމުގައި ސިޓީސް މިނިސްޓްރީއަށް އަދާކުރެވޭނެ ދައުރު ބައްލަވައިފި

"މޯލްޑިވްސް އެކްސްޕޯ 2025" ކުރިއަށް ގެންދިޔުމަށް ބޭއްވި ބައްދަލުވުން/ފޮޓޯ: ސިޓީސް މިނިސްޓްރީ
މޯލްޑިވްސް އެކްސްޕޯ 2025 ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އަދާކުރެވޭނެ ދައުރު އޮޅުންފިލުވުމަށްޓަކައި، ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެހެންމެ، އެ ވުޒާރާގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުންނާއި، ގިނަ ޢަދަދެއްގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިސްނެންގެވުމުގެ މަތިންނެވެ. އެގޮތުން އެ ވުޒާރާއިން ވަނީ، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ ވުޒާރާއިން ވަނީ، "މޯލްޑިވްސް އެކްސްޕޯ 2025" އާ ބެހޭ މަޢުލޫމާތު ވަރަށް ތަފްޞީލުކޮށް އޮޅުންފިލުވައިފައެވެ. ހަމަ އެހެންމެ، މި އެކްސްޕޯ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް އެ ވުޒާރާއިން ކުރެވޭނެ ކަންތައްތައް ވަނީ ބައްލަވާލައްވާފައެވެ.
މޯލްޑިވްސް އެކްސްޕޯ 2025 ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ މޭ މަހުގެ ފަހުކޮޅުގައެވެ. މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކަށް، އެ ފުރުޞަތު މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ.