ޚަބަރު
މާލެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އިމިގްރޭޝަނުން އިއްޔެ މާލެ ސަރަޙައްދުގައި ހިންގި ރެއިޑް އޮޕްރޭޝަންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މާލެ ސަރަޙައްދުގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި 08 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި ބިދޭސީން އަތުލައިގަނެފައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އިއްޔެ ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި މާލޭގެ ސޯޝަލް ސެންޓަރ އަދި ވިލިމާލެ ފެރީ ޓަރމިނަލް ސަރަޙައްދުގައި މަސައްކަތްކުރާ ބިދޭސީން ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި ތަންތަނުގައި ޞައްޙަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 08 ބިދޭސީއަކު ފާހަގަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދައި، އެމީހުންނާއި މެދު އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިމިގްރޭޝަނުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތަކެއް ފަށައިފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ދަށުން މިހާރު ވަނީ ގިނަ ޢަދަދެއްގެ ބިސޭސީންނެއް އަތުލައިގަނެފައެވެ.