ޚަބަރު
މާލޭގެ ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ފަށައިފި

މާލޭގެ ފެންބޮޑުވެފައިވާ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް
މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން މާލޭގެ 3 ސަރަޙައްދެއްގައި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ޤައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވި ގޮތުގައި، މިވަގުތު ފެން ހިންދުމަށްޓަކައި މާލޭގެ 3 ސަރަޙައްދެއްގައި 7 ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މި ސަރަޙައްދުތަކުގެ ތެރޭގައި އައިޖީއެމްއެޗް ސަރަޙައްދު ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި ސަރަޙައްދަކީ ބޯކޮށް ވާރޭވެހިއްޖެނަމަ އެންމެ ބޮޑަށް ފެންބޮޑުވާ އެއް ސަރަޙައްދެވެ. މީގެ އިތުރުން އެމްއެންޑީއެފުން ވިދާޅުވީ، އާންމުންގެ މުދަލާއި ގޯތިގެދޮރުގެ ރައްކާތެރިކަމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތުގައިވެސް ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ރީނދު ސަމާލު ވެސް ނެރިފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
#އަދާހަމަ: މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުން. މިގޮތުން މިވަގުތު ފެން ހިންދުމަށް ޓަކައި މާލޭގެ ތިން ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ސިފައިން ދަނީ މަސައްކަތްކުރަމުން. pic.twitter.com/4LKXyEsphM
— Maldives National Defence Force (@MNDF_Official) April 9, 2025