ޚަބަރު
މަސްތުވާތަކެތީގެ ފަރުވާ ރަށްރަށަށް: 100 އަށްވުރެ ގިނަ ރަށުގައި ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާ ފަށައިފި

ނެޝަނަލް ޑްރަގް އެޖެންސީ ފޮޓޯ:މެންދުރު
ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މިއަދު ހާމަކުރި ގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާގެ ޚިދުމަތް ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށްރަށުގައި ފަށައިފިކަމަށެވެ.
މި ފަރުވާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ފުރަތަމަ މަރުޙަލާގައި ދެވޭ ޑިޓޮކްސިފިކޭޝަން ފަރުވާއެވެ. މި ފަރުވާ ދެނީ އިންސާނާގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ ވިހަ ދުއްވާލުމަށެވެ. ރާއްޖޭގައި މިކަން ކުރަނީ ބޭސް ދީގެންނެވެ.
އެންޑީއޭއިން ބުނާ ގޮތުގައި މި ޚިދުމަތް ރަށްރަށުގައި ފަށާފައިވަނީ ކައުންސިލްތަކާއި ޞިއްޙީ މަރުކަޒުތަކާ ގުޅިގެންނެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ 4 ތަނަކުންނާއި ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުންވެސް މި ޚިދުމަތް ލިބޭނެއެވެ.
މި އައު ނިޒާމުގެ ދަށުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދިގު ކިއުގައި ތިބެން ނުޖެހި، އަމިއްލަ ރަށުގައި ތިބެގެން ފަރުވާ ލިބިގަނެވޭނެއެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ޤާއިމުކުރެވިފައިވާ ނިޒާމެކެވެ.
އެންޑީއޭއިން ފާހަގަކުރި ގޮތުގައި މި ނިޒާމުގެ ސަބަބުން ޑިޓޮކްސިފިކޭޝަން ފަރުވާ ގިނަ ބަޔަކަށް އެއްފަހަރާ ދިނުމުގެ މަގު ފަހިވާނެއެވެ. މިހާރު ރާއްޖޭގައި މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ 6 ސެންޓަރު ހުރެއެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަށް 1000 ޖާގަ އިތުރުކުރުމަށެވެ.