ދުނިޔެ

ސީރިޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އ.ދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

ސީރިޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އ.ދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އ.ދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޭޕްރީލު 2025، 08:11

09 އޭޕްރީލު 2025، 08:11

އިޒްރޭލުން ސީރިޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އ.ދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހުށަހަޅާފައިވަނީ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުގެ ތެރެއިން އަލްޖީރިއާ އާއި ސޯމާލިއާއިންނެވެ.

އަނަދޯލޫ ނޫސް އޭޖެންސީއަށް އ.ދ އަށް ކަނޑައަޅާފައިވާ އަލްޖީރިއާގެ ދާއިމީ މިޝަނުން ދީފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. މި ބައްދަލުވުމުގައި އިޒްރޭލުން ސީރިޔާއަށް ދެމުންދާ ހަމަލާތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭޕްރިލް 2 ވަނަ ދުވަހު އިޒްރޭލުން ސީރިޔާގެ ދަރާ ސަރަހައްދަށް ދިން ވައިގެ ހަމަލާއެއްގައި 9 އާންމު ރައްޔިތުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. މީގެ އިތުރުން، ޑިސެމްބަރު މަހު ބަޝާރު އަލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، އިޒްރޭލުން ވަނީ ސީރިޔާގެ ގޯލަން އުސްބިމުގެ ބައެއް އިތުރަށް އޮކިއުޕައި ކޮށްފައެވެ. މިއީ 1974 ވަނަ އަހަރު ސީރިޔާއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފު ކަމެކެވެ.

އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، އިޒްރޭލުން ވަނީ ސީރިޔާގެ އެކި ސަރަހައްދުތަކަށް ސަތޭކަ އަށްވުރެ ގިނަ ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި ސީރިޔާގެ ހަނގުރާމަވެރި ޖެޓް މަތިންދާބޯޓުތަކާއި، މިސައިލް ސިސްޓަމްތަކާއި، ވައިގެ ދިފާއީ ވަސީލަތްތައް އަމާޒުކޮށްފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.

މި ހާދިސާތަކާ ގުޅިގެން އ.ދ ގެ ސަލާމަތީ މަޖިލީހުން އަޅާނެ ފިޔަވަޅުތަކާމެދު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ބައްދަލުވުމުން ނިކުންނާނެ ނަތީޖާއަކަށް ބައިނަލްއަޤްވާމީ މުޖުތަމައު ވަނީ ބަލަން ފަށާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS