Ads by Exprox

ޚަބަރު

ގޭސް ގެނައުމުގައި ފައިސާގެ މުއާމަލާތް ކުރުމުގެ ބާރު އެސްޓީއޯއަށް ބަދަލުކޮށްފި

ގޭސް ގެނައުމުގައި ފައިސާގެ މުއާމަލާތް ކުރުމުގެ ބާރު އެސްޓީއޯއަށް ބަދަލުކޮށްފި

މޯލްޑިވް ގޭސްގެ އެމްޑީ ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޭޕްރީލު 2025، 08:14

09 އޭޕްރީލު 2025، 08:14

ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް އިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ވީނުވީއެއް ނޭންގި ގެއްލިފައިވުމާ ގުޅިގެން، ގޭސް ގެނައުމުގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ހުރިހާ ބާރެއް އެ ކުންފުނިން ނަގައި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ.

ވީނުވީއެއް ނޭންގި ގެއްލިފައިވަނީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް، ގޭސް ގަންނަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އަށް ވީނުވީއެއް އެނގިފައި ނުވާތީއެވެ.

މި މަޢުލޫމާތު ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. މި ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަމާއި، މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަން ވެސް ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވް ގޭހުގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން، މޯލްޑިވް ގޭސްގެ ބައެއް މަސްއޫލިއްޔަތުތައް އެސްޓީއޯއަށް ބަދަލުކުރީ ގޭސް ގެނައުމުގައި ބޮޑު އިހުމާލެއް ވެފައިވުމާއި، ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ވީނުވީއެއް ނޭންގި ގެއްލިގެން މި އުޅޭ ފައިސާއަކީ، ރާއްޖެއަށް އާންމުކޮށް ގޭސް ގެންނަ ކުންފުނި ބަދަލުކުރުމަށްފަހު، އައު ކުންފުނި މެދުވެރިކޮށް ގެންނަން އުޅުނު ފުރަތަމަ ޝިޕްމެންޓެވެ. ފަހުން ގޭސް ސަޕްލައި ކުރުމަށް ހަމަޖެއްސީ ދުބާއީގެ ކުންފުންޏަކާއެވެ. އަދި އެ ކުންފުންޏަށް ފުރަތަމަ ޝިޕްމެންޓުގެ އެޑްވާންސްގެ ގޮތުގައި ދެއްކީ %30 އެވެ. 

މާލިއްޔަތު ކޮމެޓީގައި ނާޒިމް ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ފައިސާ މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS