ޚަބަރު
މޯލްޑިވް ގޭސްއިން ގެއްލުނު 3.7 މިލިއަން ރުފިޔާގެ މައްސަލަ އޭސީސީއިން ބަލަނީ

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ މުހައްމަދު---
ރާއްޖެއަށް ގޭސް އެތެރެކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް އިން ގޭހުގެ ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ވީނުވީއެއް ނޭންގި ގެއްލިފައިވުމާ ގުޅިގެން، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަންފަށައިފިއެވެ.
މި ފައިސާ ގެއްލިގެން އުޅޭކަން ހާމަވެގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިކަން ހާމަކުރެއްވުމުންނެވެ.
އެގޮތުން ނާޒިމް ވިދާޅުވީ، މި ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނުވާކަމާއި، މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށެވެ. އެހެންކަމުން މޯލްޑިވް ގޭހުގެ އިސްވެރިންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން ގޭސް ގެނައުމުގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ހުރިހާ ބާރެއް އެ މޯލްޑިވް ގޭސްއިން ނަގައި، އެ މަސައްކަތް މިހާރު ވަނީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފައެވެ.
ވީނުވީއެއް ނޭންގި ގެއްލިގެން މި އުޅޭ ފައިސާއަކީ، ރާއްޖެއަށް އާންމުކޮށް ގޭސް ގެންނަ ކުންފުނި ބަދަލުކުރުމަށްފަހު، އައު ކުންފުނި މެދުވެރިކޮށް ގެންނަން އުޅުނު ފުރަތަމަ ޝިޕްމެންޓެވެ. ފަހުން ގޭސް ސަޕްލައި ކުރުމަށް ހަމަޖެއްސީ ދުބާއީގެ ކުންފުންޏަކާއެވެ. އަދި އެ ކުންފުންޏަށް ފުރަތަމަ ޝިޕްމެންޓުގެ އެޑްވާންސްގެ ގޮތުގައި ދެއްކީ %30 އެވެ.
މާލިއްޔަތު ކޮމެޓީގައި ނާޒިމް ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ ކަން ހައްލުކުރަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދަށް ފުރުސަތު ދެއްވި ކަމަށާއި ނަމަވެސް އެ ފައިސާ މިހާތަނަށް ރިކަވާ ނުކުރެވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.