ކުޅިވަރު
ޗެމްޕިއަންސް ލީގު: ބޮޑު މޮޅަކާއެކު ރަފީނިއާ މެސީގެ ރެކޯޑަކާ ހަމަކޮށްފި

ރަފީނިއާ ވަނީ މި ސީޒަނުގައި 28 ގޯލު ކާމިޔާބުކޮށް 20 އެސިސްޓުކޮށްދީފައި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޭ ބާސެލޯނާއިން ބޮރޫޝިއާ ޑޯޓްމަންޑް 4-0 އިން ބަލިކުރި މެޗުގައި އެ ޓީމުގެ ރަފީނިއާ ވަނީ ލިއޮނެލް މެސީގެ ރެކޯޑަކާ ހަމަކޮށްފައެވެ.
ޑޯޓްމަންޑް ކޮޅަށް ގޯލެއް ޖަހައި ދެ އެސިސްޓުކޮށްދިނުމަށްފަހު ރަފީނިއާ މި ވަނީ މި ސީޒަނުގައި އެ ޓީމުން ޔޫރަޕްގެ އެންމެ ބޮޑު މުބާރާތުގައި ކާމިޔާބުކުރި 19 ގޯލުގައި ހިއްސާވެފައެވެ. މިއީ 2011-12 ސީޒަންގެ ޗެމްޕިއަންސް ލީގު ކެމްޕެއިންގެ ގޯލުތަކުގައި މެސީގެ ހިއްސާ އޮތް އަދަދެވެ. އަދި މިއީ ބާސެލޯނާގެ ޖާރޒީގައި ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި މެސީގެ އެންމެ ބޮޑު ގޯލު ހިއްސާއެއް އެ ޓީމަށް ލިބުނު ސީޒަނެވެ.
މި ލިސްޓުގައި އެންމެ ކުރީގައި އުޅެނީ ރޮނާލްޑޯއެވެ. އެނާ ވަނީ 2013-14 ސީޒަންގައި 21 އަދި 2015-16 ސީޒަންގައި 20 ގޯލުގައި ޙިއްސާވެފައެވެ. މީގެ އިތުރުން ބާސެލޯނާއަށް މިހާރު ކުޅޭ ލެވަންޑޯސްކީ ވެސް 20 ގޯލުގައި ހިއްސާވެފައިވެއެވެ. އެހެންކަމުން އިތުރު 3 ގޯލުގައި ހިއްސާވެ، ލި ލިސްޓުގެ ކުރިޔަށް އެރުމުގެ ފުރުސަތު ރަފީނިއާއަށް އެބައޮތެވެ.
ޑޯޓްމަންޑާ ދެކޮޅަށް ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ، ފުރަތަމަ ހާފުގައި ރަފީނިއާ ކާމިޔާބު ކުރި ގޯލަކުންނެވެ. އެއީ ޔޫރަޕްގައި މި ސީޒަނުގައި އޭނާގެ 12 ވަނަ ގޯލެވެ. އަދި ދެވަނަ ހާފުގައި ލެވަންޑޯސްކީ ކާމިޔާބުކުރި ދެ ގޯލާއި، ލެމިން ޔަމާލްގެ އިތުރު ގޯލަކުން ބާސެލޯނާއިން މިވަނީ ސެމީފައިނަލްގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންކޮށްފައެވެ.
މެޗު ފެށިގޮތަށް ބާސެލޯނާއިން ވަނީ އުނދަގޫ ވަގުތުތަކެއް ޑޯޓްމަންޑުގެ ގޯލްކީޕަރ، ގްރެގޯ ކޮބެލްއަށް ގެނުވާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ތިން ގޯލު ޖަހާނެ ފުރުސަތު ކާމިޔާބުކުރިއެވެ. ނަމަވެސް ޑޯޓްމަންޑް ކީޕަރުގެ ހުޝިޔާރުކަމުން އެ ޓީމު ސަލާމަތްވީއެވެ.
މެޗުގެ 25 ވަނަ މިނެޓުގައި ރަފީނިއާ ކާމިޔާބުކުރި ގޯލުގެ ފަހުން ޑޯޓްމަންޑުން ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވެއެވެ. މި ހަމަލާތަކުގެ ފަހަތުގައި ތިބީ، އަޑެޔޭމީ އާއި ސޭރހޯ ގިއުރެސީއެވެ.
ނަމަވެސް އެ ޓީމަށް ގޯލެއް ކާމިޔާބު ނުކުރެވެނީސް ދެވަނަ ހާފުގެ ތިން ވަނަ މިނެޓުގައި ލެމީން ޔަމާލް ހުރަސްކޮށްދިން ބޮޅައެއް، ރަފީނިއާ ބޮލުން ގޯލުގެ ކުރިމައްޗަށް ފޮނުވާލުމުން ލެވަންޑޯސްކީއަށް އެ ބޯޅަ ގޯލަށް ފޮނުވާލުމަށް އުނދަގޫ ކަމަކަށް ނުވިއެވެ.
އެއަށްފަހު ޑޯޓްމަންޑަށް ހެދެމުން ދިޔަ ގޯސްތަކުގެ ފައިދާ ބާސެލޯނާއިން ނަގަމުން ދިޔައެވެ. އެގޮތުން ފާރމިން ފޮނުވާލި ބޯޅައެއް ގޯލު ދަނޑިއަށް އަމާޒުވިއިރު، ގޯލާ ވަރަށް ކައިރިން ލިބުނު ފުރުސަތެއްގައި އޭނާ ވަނީ އަމާޒުން ކައްސާލާފައެވެ.
އަދި އޭގެ ފަހުން ބާސެލޯނާއަށް ކާމިޔާބުކޮށްދިން 99 ވަނަ ގޯލާއެކު، ލެވަންޑޯސްކީ ވަނީ ބާސެލޯނާއަށް މި މެޗު ޔަގީންކޮށްދީފައެވެ.
މެސީގެ ރެކޯޑާއި ރަފީނިއާ ހަމަކުރީ މެޗުގެ 77 ވަނަ މިނެޓުގައި ޔަމާލް ގޯލުޖެހި ފުރުސަތު ތަނަވަސްކޮށްދީގެންނެވެ.
ދެ ޓީމު ބައްދަލުކުރާ ކުއާޓާ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ މި އަންނަ ހަފްތާގެ ބުދައިގައެވެ.