Ads by Aqeeqa Maldives

ޚަބަރު

8300 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވަނީ

8300 އަށް ވުރެ ގިނަ ދަރިވަރުން މިއަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވަނީ

ރާއްޖޭގައި ކުރިއަށް ދިޔަ އޯލަވެލް އިމްތިޙާނެއް ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޭޕްރީލު 2025، 11:34

10 އޭޕްރީލު 2025، 11:34

މިއަހަރުގެ އޯލެވެލް އިމްތިހާނުގައި 8300 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވާ ކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ފެށުނު ދިރާސީ އައު އަހަރުގެ ކިޔެވުމާއެކު، އޯލެވެލް އިމްތިހާނުވެސް ވަނީ ފަށާފައެވެ.

ތަޢުލީމީ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ ހޯމަ ދުވަހު ފެށުނު އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ޖުމްލަ 8362 ދަރިވަރަކު ބައިވެރިވެއެވެ. މީގެ ތެރެއިން އެސްއެސްސީ އިމްތިހާނުގައި 7519 ދަރިވަރުން އަދި ކެމްބްރިޖް އޯލެވެލް އިމްތިހާނުގައި 7666 ދަރިވަރުން ބައިވެރިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއަހަރުގެ އޯލެވެލް އިމްތިހާނު ކުރިއަށްދަނީ މުޅި ރާއްޖޭގައި ޤާއިމްކުރެވިފައިވާ 260 ސެންޓަރެއްގައެވެ. މި އިމްތިހާނު ނިމޭނީ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ސަރުކާރުން ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ދަށުން، އޯލެވެލް ހަދާ ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ކަމުގައިވާ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާގެ އިމްތިހާނުގައި ފުރިހަމައަށް ބައިވެރިވާންޖެހޭނެއެވެ. އަދި މި މާއްދާތަކަށް ސަރުކާރުން ފައިސާ ދައްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ބަދަލާއެކު، މޮކް އިމްތިހާނުން ފާސްނުވި ނަމަވެސް، ކޮންމެ ދަރިވަރަކަށްވެސް އޯލެވެލްގެ މަޖުބޫރު މާއްދާތަކުގެ އިމްތިހާނުގައި ބައިވެރިވެވޭނެއެވެ. މިއީ ވީހާވެސް ގިނަ ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދީ، ރަނގަޅު ނަތީޖާ ހޯދުމަށް ބާރުއެޅުމަށް ގެނެވުނު ބަދަލެކެވެ.

ތަޢުލީމީ ވުޒާރާއިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ދަރިވަރުން މަޖުބޫރު ހަތަރު މާއްދާ ހިމެނޭހެން ޖުމްލަ 5 މާއްދާގައި ބައިވެރިވާން ޖެހޭނެއެވެ. މީގެ ތެރޭގައި ބީޓެކް ދަރިވަރުން އިތުރު އެއް މާއްދާ ކިޔަވަންޖެހޭ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS