ޚަބަރު
ހޮޅުދޫ ބޯޓުގެ ހާދިސާގައި ގެއްލުނު މުޝްފިގު ނިޔާވީކަމަށް ނިންމައި، ޣައިބަށް ކަށުނަމާދު ކުރަންނިންމައިފި

މުޝްފިގު ޝަރީފު ފޮޓޯ:އިންޓަނެޓް
މި މަހުގެ ދެވަނަ ދުވަހުގެ ރޭ ތ. އަތޮޅުގައި ދަތުރުކުރަމުންދިޔަ "ހޮޅުދޫ ބޯޓު" ގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިފައިވާ އަލީ މުޝްފިގު ޝަރީފު ނިޔާވެއްޖެ ކަމަށް ނިންމައި، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފިއެވެ.
މުޝްފިގުގެ އުފަން ރަށް ކަމަށްވާ ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާދަމާގެ ހުކުރު ނަމާދަށް ފަހު މުޝްފިގުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނެ ކަމަށެވެ. އެ ރަށު ބިލާލް މިސްކިތުގައި ކުރާ އެ ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުސަތު އަންހެނުންނަށް ވެސް އޮންނާނެ ކަމަށް ކައުންސިލުން ބުނެއެވެ.
ހޮޅުދޫ ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްވުމަށް ބޯޓުން ކަނޑަށް ފުންމައިލި މުޝްފިގު ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެ މަސައްކަތް ކާމިޔާބުވާގޮތެއް ނުވެއެވެ.
މުޝްފިގުގެ މައްޗަށް ކަށުނަމާދު ކުރާއިރު އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާލިކަން އަދި ސިފައިން ހާމައެއް ނުކުރެއެވެ. އަންގާރަ ދުވަހު ވެސް ސިފައިން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުމުރުން 25 އަހަރުގެ މުޝްފިގަކީ ދީނީ ކަން ކަމަށް ވަރަށް ލޯބި ކުރާ ޒުވާނެކެވެ. އޭނާއަކީ ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ، އިމާމުވެ ނަމާދުކޮށް ހަދާ ޒުވާނެކެވެ.
މި ހާދިސާގައި، ހަތަރު މިލިއަން ރުފިޔާގެ ހޮޅުދޫ ބޯޓް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. 92 ފޫޓުގެ މި ބޯޓު އަނދާ ހުލިވިއިރު، ބޯޓު އެހެލައިގެން ވަރަށް ފަހުން ވަނީ ބޮޑެތި މަރާމާތުތަކެއް ވެސް ކޮށްފައެވެ. މި ހާދިސާ ހިނގީ މަރާމާތަށްފަހު ކުރި ދެވަނަ ދަތުރުގައެވެ.