ޚަބަރު
ރާއްޖޭގެ 3 މެންބަރަކު އައިޕީޔޫގެ މުހިންމު 3 މަޤާމަކަށް އިންތިޚާބުވެއްޖެ

އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ މަޤާމުތަކަށް އިންތިޚާބުވި މެމްބަރުން ފޮޓޯ:އިންޓަނެޓް
ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރަކު އިންޓަރ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ މުހިންމު 3 މަޤާމަކަށް އިންތިޚާބުވެއްޖެއެވެ. މި މަޤާމުތަކަށް އިންތިޚާބުވެފައިވަނީ އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންޓުގައި މި މަހުގެ 5 އިން 9 އަށް ބޭއްވުނު އައިޕީޔޫގެ 150 ވަނަ އެސެމްބްލީގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އިންތިޚާބުވެފައިވަނީ ބިއުރޯ އޮފް ވިމެން ޕާލަމަންޓޭރިއަންސްއަށެވެ. ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީ އިންތިޚާބުވެފައިވަނީ ވޯކިންގ ގްރޫޕް އޮން ސައިންސް އެންޑް ޓެކްނޮލޮޖީއަށެވެ. އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ އިންތިޚާބުވެފައިވަނީ ސްޓޭންޑިންގ ކޮމެޓީ އޮން ޕީސް އެންޑް އިންޓަރނޭޝަނަލް ސެކިއުރިޓީއަށެވެ.
މި 3 މެންބަރުންވެސް އިންތިޚާބުވެފައިވަނީ ދިވެހިރާއްޖެ ހިމެނޭ އޭޝިއާ ޕެސިފިކް ގްރޫޕް ތަމްސީލުކުރުމަށެވެ. މީގެ ކުރިންވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެ އެކި މަޤާމުތައް އަދާކުރައްވާފައެވެ.
މިއަހަރުގެ އައިޕީޔޫ އެސެމްބްލީގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ފަރާތުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން 5 މެންބަރަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެއީ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އިބްރާހީމް ނާޒިލް، އަސްމާ ރަޝީދު، ޑރ. އަނާރާ ނަޢީމް، ޢަބްދުﷲ ރިފާޢު އަދި ޙުސައިން އިމްރާން ލަޠީފެވެ.
އައިޕީޔޫއަކީ މިނިވަން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. 1989 ވަނަ އަހަރު އުފެދުނު މި ޖަމްޢިއްޔާގައި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިސް ބައިވެރިވެފައިވަނީ 2005 ވަނަ އަހަރުގައެވެ.