ދީން
ޢިލްމުގެ އިތުރުން، އަދަބާއި އުޅުންތެރިކަން ދަރީންނަށް ދަސްކޮށްދޭންޖެހޭ: ޚުޠުބާ

ކުޅުދުއްފުށީގެ މަސްޖިދުލް މުޙައްމަދު ޢަލީ، ފޮޓޯ: އައިމާން ހަބީބު
ޢިލްމުގެ އިތުރުން، އަދަބާއި އުޅުންތެރިކަން ދަރީންނަށް ދަސްކޮށްދިނުމަކީ، ޤައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއްކަމުގައި، މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
އިސްލާމް ދީނަކީ ތަޢުލީމު ފެތުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ދީނެކެވެ. ކީރިތި ރަސޫލާ އިންދަވައިދެއްވި ޢިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި، ޙާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި އުފެއްދުންތެރި އުއްމަތަކަށް އިސްލާމް ދީން ވިއެވެ. އަދި ޢިލްމުގެ އެހީގައި އެތައް އީޖާދެއްކޮށް، ފޮތްތައް ލިޔެ ޝާއިޢުކުރި ވަރުގަދަ ޙަޟާރަތެއް މި އުންމަތް ބިނާކުރިއެވެ. މި އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ ސިކުނޑިތައް ހުޅުވުނެވެ.
އިސްލާމް ދީނުގައި ރަގަޅަށް ދަރީން ތަރުބިއްޔަތުކުރުމަކީ، އެ ކަމުގައި ދެމިތިބި ބަޔަކަށް މާތްﷲ ސަވާބާއި ދަރުމަ ދެއްވާނެ ކަމެކެވެ. އިސްލާމް ދީން މި ކަމަށް ބާރުއަޅައި، ހިތްވަރުދެނީ، ދަރީން ތަރުބިއްޔަތު ކުރުމަށް އެހެން ހުރިހާ ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށެވެ.
މައިންބަފައިންގެ އިތުރުން، ދަރީންގެ އުނގެނުމުގެ އެންމެ މުހިންމު މަރުހަލާ ސްކޫލުތަކުގައި އެ ކުދިން ވޭދުކުރާއިރު، އެއީ އެ ކުދީންގެ ދެވަނަ ހިޔާވައްސެވެ. އެ ކުދީންގެ ހިތްތަކުގައި، އިސްލާމީ އަޤީދާ ހަރުދަނާކޮށް، އިސްލާމީ އުޞޫލުތައް ބިނާކުރާ ތަނަކީ މަދަރުސާއެވެ. އެހެންކަމުން، މަދަރުސާތަކުން މި ޒިންމާ ފުރިހަމައަށް އަދާކޮށްފިނަމަ، މުޅި އުއްމަތުގެ މުސްތަޤްބަލު އުޖާލާވެ އަމާންވާނެކަމަށް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް މުދައްރިސުންނަށް މިކަން ކާމިޔާބުކުރެވޭނީ، މަދަރުސާއާއި މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެންކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި މި އެންމެންގެ އަމާޒުތަކާއި، ތަޞައްވުރުތައް އެކައްޗަކަށް ހަދައިގެންކަމަށް ވިދާޅުވިއެވެ.
ވީމާ ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމުގައި، އެންމެން އެއްގަލަކަށް އެރުމަކީ ނުހަނު މުހިންމު ކަމެކެވެ. އެއީ ހެޔޮ ގޮތުގައި ޤައުމު ތަރައްޤީކޮށް، އެއްބައިވަންތަކަން މަތީ ދެމެހެއްޓޭނެ މަގެވެ.
މީގެ އިތުރުން، ޢިލްމު އުނގެނުމުގައި ދަރިވަރުންނާއި، އެދުރުންނާއި ބެލެނިވެރިންގެ ދައުރު އަދާކުރުމުގައި ވިސްނަންޖެހޭ ކަންކަމަށް ވެސް ޚުޠުބާގައި ވަރަށް ފުންކޮށް އަލިއަޅުވާލައިފައިވެއެވެ.
އެގޮތުން ކުތުބުޚާނާތަކުގެ ފޮތްތަކާއި، ލެބޯޓަރީގެ ސާމާނުތަކާއި، ތަޢުލީމީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންނަށް ގޮވާލެއްވިއެވެ. އަދި މައިންބަފައިންނަށް އިޙްތިރާމް ކުރުމަށް ހަނދުމަކޮށްދެއްވިއެވެ. މީގެ އިތުރުން މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމް އަދާކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި މުދައްރިސުން ކުރައްވާ މަސައްކަތަކީ ނަބީބެކަލުން ކުރެއްވި ފަދަ މަސައްކަތެއްކުރައްވާ ބައެއް ކަމުގައި ދެންނެވިއެވެ. އެހެނީ ސްކޫލްތަކުގައި މުދައްރިސުން ކުރައްވާ ކަމަކީ ވެސް ހެޔޮ ކަންކަން އަންގައިދީ، ނުބައި ކަންތައްތަކާ ދުރުހެލިވުމަށް އިރުޝާދު ދިނުމާއި، ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރާއި، ނަރަކައިގެ ބިރުވެރިކަމުގެ އިންޒާރު ދެއްވުމެވެ.
މީގެ އިތުރުން، ދަރިވަރުންނަކީ ދީނަށް ވަފާތެރި އަދި ފައިދާހުރި ބަޔަކަށް ހެދުމަށް އެދުރުންގެ ދައުރު ބޮޑުކަން ފާހަގަކުރެއްވެވިއެވެ. އަދި މި ތަރުބިއްޔަތު ދިނުމުގައި ކެތްތެރިކަމާ ހިކުމަތްތެރިކަން އިސްކުރެއްވުމަށް ގޮވާލެއްވިއެވެ. ހަމައެއާއެކު، އެދުރުންނަކީ ދަރުވަރުންނަށް ނަމޫނާ ދައްކާ ބަޔަކަށްވުމަށް ނަސޭހަތްތެރިވިއެވެ.