ޚަބަރު
ރަމަޟާން މަހު މާލެ ސިޓީގައި އިމާމުވެ ތަރާވިޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކޮށްފި

މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުގެ ތަރާވިޙް ނަމާދުކުރި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މިއަހަރުގެ ރަމަޟާން މަހު މާލެ ސިޓީގައި އިމާމުވެ ތަރާވިޙް ނަމާދުކުރި ޒުވާން ޙާފިޡުންނާއި އިމާމުންގެ އަގުވަޒަންކޮށްފި އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ، މާލެ ސިޓީގެ މިސްކިތްތަކުގައި އިމާމުގެ ތަރާވިޙް ނަމާދުކުރި ޙާފިޡުންގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އިސްލާމީ މަރުކަޒުގެ ޖަަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި، އިމާމުންނާއި ޙާފިޘުންގެ އަގުވަޒަންކުރުމަށް ވަނީ ހަނދާނީ ލިޔުމެއް އަރުވާފައެވެ. އަދި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، އިމާމުންނާއި ޙާފިޡުންނަށް ހަނދާނީ ލިޔުން ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ، ޒުވާން އިމާމުންނާއި ޙާފިޡުން ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ. އަދި އެބޭފުޅުން ކުރެއްވި މަސައްކަތަށް ވަޒީރު ވަނީ ހިތްވަރުދެއްވާފައެވެ. ހަމަ އެހެންމެ، މި ރޮނގުން ކުރިއަށް ދިއުމަށް ވަޒީރު ވަނީ ގިނަ ނަސޭޙަތްތަކެއް ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ގިނަ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.