ޚަބަރު
ހުޅުމާލެ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން/ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ހުޅުމާލޭގައި ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށް ބަނގުރަލާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝް އަށް ނިސްބަތްވާ ދެ މީހުން ކަމަށްވާ ޢުމުރުން 29 އަހަރުގެ އެމްޑީ ރާޖް ރައްޒާކް އަދި ޢުމުރުން 25 އަހަރުގެ މުހައްމަދު ތަރީގުލް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދޭ ގޮތުގައި، އެމީހުން ހައްޔަރުކޮށްފައިވަނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންނެވެ. އެގޮތުން މި އޮޕަރޭޝަން ހިންގާފައިވަނީ، ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި އިންވެސްޓިގޭޝަން ޓީމުން ގުޅިގެންނެވެ. މި އޮޕަރޭޝަންގެ ދަށުން ފުލުހުން ވަނީ، ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ ގެއެއްގައި ހުރި ޓޭކްއަވޭ ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި މިތަނުން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއަކާއި، ނެނޯ ސްޓިކް އަދި ކާޓްރިޖް ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.