Ads by Exprox

ޚަބަރު

ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ޓެމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ

ޓެމޫ/ފޮޓޯ: ޝިޕް ބޮބް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޭޕްރީލު 2025، 07:00

11 އޭޕްރީލު 2025، 07:00

މިހާރު ދިވެހިންގެ ތެރޭގައި މަޤުބޫލު އޮންލައިން ޝޮޕިންގ ޕްލެޓްފޯމް "ޓެމޫ" ގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޮންލައިން ޝޮޕިންގ ޕްލެޓްފޯމް ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތަކުގެ އަދަދު އިތުރުވަމުންދާކަން އެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ސްކޭމްތަކުގައި ހިމެނެނީ ޞައްޙަނޫން ވެބްސައިޓްތައް ހެދުމާއި، ފިޝިންގ މެސެޖްތައް ފޮނުވުމާއި، އަދި މި ލިންކްތައް މެދުވެރިކޮށް ޕޭމަންޓް މަޢުލޫމާތު ހޯދުން ފަދަ ކަންކަންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، އެ އިދާރާއަށް ފާހަގަކުރެވިފައިވާ މައިގަނޑު ސްކޭމްތައް ހިއްސާކޮށްފައެވެ. އެގޮތުން، ފިޝިންގ މެސެޖުތަކާއި އީމެއިލް މެދުވެރިކޮށް ސްކޭމްކުރުން އިތުރުވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މިގޮތަށް މެސެޖު ފޮނުވަނީ، ޓެމޫ ނުވަތަ ކުރިއަރ ސަރވިސްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ފަދަ ގޮތަކަށެވެ. ހަމަ އެހެންމެ، ކްރެޑިޓް ކާޑު ސްކޭމްތަކާއި، 2-ޑީ ކާޑު ސްކޭމްތައް ވެސް ފަހަކަށް އައިސް އިތުރުވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މި ސްކޭމްތަކުން ރައްކާތެރިވުުމަށް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވުން މުހިންމު ކަމަށެވެ. އަދި ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް ސަމާލުވެ، ރީތިކޮށް ފަރުމާކޮށްފައި ނުހުންނަ ވެބްސައިޓްތަކަށް ސަމާލުވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ. ހަމަ އެހެންމެ، ވަރުގަދަ ޕާސްވޯޑަކާއި އެކު 2-ފެކްޓަރ އޯތެންޓިކޭޝަން (2FA) ބޭނުންކުރުމުގެ މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް:

  • ވަގުތުން އީ-މެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން
  • ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން
  • އެންމެހައި މުޢާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެޓްފޯމަށް ރިޕޯޓުކުރުން
  • ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް މައްސަލަ ރިޕޯޓުކުރުން
  • އެހެން މީހުންގެ ސަމާލުކަމަށް މި ތަޖުރިބާ ހިއްސާކުރުން

މީގެ އިިތުރުން ފުލުހުން ވަނީ، އޮންލައިން ވިޔަފާރިކުރާއިރު ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް ހިއްސާކުރައްވާފައެވެ. އެގޮތުން، އޮންލައިންކޮށް ވިޔަފާރިކުރާއިރު ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރެވިދާނެކަމަށް ފުލުހުން ވަނީ ވިިދާޅުވެފައެވެ. ހަމަ އެހެންމެ، ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރެވިދާނެއެވެ. އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރުމަށް ރަސްމީ ތަންތަން ކަމަށްވާ (ގޫގުލް ޕްލޭ ސްޓޯރ، ނުވަތަ އެޕަލް އެޕް ސްޓޯރ) ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އޮންލައިން ސްކޭމްތަކާމެދު ޢާންމުން ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެއް ކަމަށެވެ. ހަމަ އެހެންމެ، ސްކޭމްގެ ޝިކާރައަކަށްވާ ފަރާތްތަކުން އެކަން ވީ އެންމެ އަވަހަކަށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS