ޚަބަރު
ވަޒީރުންނާ އެކު ބާއްވާ "އަހާ" ފޯރަމްގެ 5 ވަނަ ފޯރަމް މިމަހު 24 ގައި

އަހާ ފޯރަމްގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ހުލާސާ
ސަރުކާރުގެ ވަޒީރުންނާ އެކު ސިލްސިލާކޮށް ކުރިއަށްގެންދާ "އަހާ" ފޯރަމްގެ 5 ވަނަ ފޯރަމް މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
ޢާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް އޮންނާނީ މިމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގގައެވެ.
"އަހާ" ގެ 5 ވަނަ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން:
- ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު - ޢަލީ އިޙްސާން
- ބަންޑާރަ ނައިބު - އަލްއުސްތާޛު އަޙްމަދު އުޝާމް
- ތަޢުލީމީ ވަޒީރު - ޑރ. އިސްމާޢީލް ޝަފީޢު
- ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު - އާދަމް ނަޞީރު އިބްރާހީމް
- ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު - ޑރ. މަރްޔަމް މާރިޔާ
މި ފޯރަމްގައި ބައިވެރިވެ، ވަޒީރުންނާ ކުރަން ބޭނުންވާ ސުވާލުތައް ކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި، އެސް.އެމް.އެސްގެ ޒަރިއްޔާއިންނާއި، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް، އަދި ސޯޝަލް މީޑިއާ މެދިވެރިކޮށް ވެސް ސުވާލު ހުށެއެޅޭނެއެވެ. އެގޮތުން، އެސް.އެމް.އެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސުމަށްފަހު، ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށެވެ.
މި ފޯރަމްގައި، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް ދިނުމުގެ އިތުރުން ރައްޔިތުންގެ ސުވާލުތަކާއި ކަންބޮޑުވުންތަކަށް ވަޒީރުން ޖަވާބުދާރީވާނެއެވެ.