ވިޔަފާރި
ޓެސްލާ ސައުދީ އަރަބިއްޔާގައި ވިޔަފާރި ފަށައިފި

ސައުދީ ރިއާދުގައި ހުޅުވި ޓެސްލާ ޝޯރޫމް ފޮޓޯ: އިންޓަނެޓް
ދުނިޔޭގެ އެންމެ ބޮޑު ތެލުގެ އިޤްތިޞާދު އޮތް ޤައުމު ކަމުގައިވާ ސައުދީ އަރަބިއްޔާގައި އެމެރިކާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ޓެސްލާ އިން ވިޔަފާރި ފަށައިފިއެވެ. މިއީ ޓެސްލާގެ ސީއީއޯ އީލޮން މަސްކް އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން ރަނގަޅުވެ، އަދި ސައުދީ އަރަބިއްޔާއިން އިލެކްޓްރިކް ވެހިކަލްތަކަށް ބާރުއަޅަމުންދާކަމުގެ ނިޝާނެއް ކަމުގައި ބެލެވެއެވެ.
ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާގައި ޓެސްލާގެ ވިޔަފާރި ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ޓެސްލާގެ ސައިބަރ ޓްރަކް އަދި އައު ޑިޒައިނެއްގައި ނެރެފައިވާ މޮޑެލް ވައި ސެޑާން ފެނިގެން ދިޔައެވެ. މި ހަފްލާގައި ބައިވެރިވި ބައެއް ފަރާތްތަކުން ވެހިކަލްތައް ޓެސްޓްކުރި އިރު، ބޮޑު ސްކްރީނެއްގައި ސައިބަރ ޓްރަކް ދުއްވާލާ މަންޒަރު ދައްކަމުން ދިޔައެވެ.
ޓެސްލާއަށް އާ ކަސްޓަމަރުން ބޭނުންވެފައިވާ މި ދަނޑިވަޅުގައި، ސައުދީ އަރަބިއްޔާއިން ވަނީ 2028 ވަނަ އަހަރާ ހަމައަށް އެ ޤައުމުގެ އުޅަނދުފަހަރުގެ ތެރެއިން 30 އިންސައްތަ އިލެކްޓްރިކް ވެހިކަލްތަކަށް ބަދަލުކުރުމަށް އަމާޒު ހިފާފައެވެ. މިއީ މިދިޔަ އަހަރު އެ ޤައުމުގައި ބޭނުންކުރި އިލެކްޓްރިކް ވެހިކަލްތަކުގެ ނިސްބަތް ކަމުގައިވާ 1 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޓެސްލާގެ ލޯކަލް އެގްޒެކެޓިވުން މި ހަފްލާގައި ވަނީ އޮންލައިންކޮށް ވެހިކަލްތައް އޯޑަރުކުރުމުގެ ޚިދުމަތާއި، މޯލްތަކުގައި ޕޮޕް-އަޕް ސްޓޯރތައް ހުޅުވުމާއި، ސުޕަރޗާޖަރ ސްޓޭޝަންތަކާއި ސަރވިސް ސެންޓަރުތައް ޤާއިމުކުރުމުގެ ޕްލޭންތަކެއް ހާމަކޮށްފައެވެ. ނަމަވެސް އީލޮން މަސްކް މި ހަފްލާގައި ބައިވެރިވެފައެއް ނުވެއެވެ.
މި ހަފްލާގައި ބައިވެރިވި ޓެސްލާގެ ފޭން މުޙައްމަދު އުސާމާ ވަނީ މަސްކް ނުފެނުނު ކަމާމެދު ހިތާމަކޮށްފައެވެ. "އަހަރެން ވަރަށް ބޮޑަށް އުންމީދުކުރިން އޭނަ ފެންނާނެ ކަމަށް. އަހަރެން ހުރީ ސްޓޭޖާ ވަރަށް ކައިރީގައި، އެކަމަކު އޭނަ ނާދޭ،" އޭނާ ބުންޏެވެ.