ސައިންސް / ދުނިޔެ
ޖައްވުގައި ނަޖިސް ރީސައިކަލް ކުރާނެ އީޖާދެއް ހުށައަޅައިގެން 3 މިލިއަން ޑޮލަރު ހޯދުމުގެ ފުރުސަތު

"ލޫނާ ރީސައިކަލް ޗެލެންޖް"
އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އާދަޔާ ޚިލާފު ގޮންޖެހުމަކަށް ހައްލެއް ހުށަހަޅާ ފަރާތަކަށް 3 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅައިފިއެވެ. މި ގޮންޖެހުމަކީ އިންސާނުންގެ ނަޖިސް ރީސައިކަލް ކުރުމެވެ.
"ލޫނާ ރީސައިކަލް ޗެލެންޖް" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގައި، ނާސާއިން އާންމުންނަށް ގޮވާލަނީ ހަނދުގައި ނުވަތަ ދިގު މުއްދަތުގެ ޖައްވީ ދަތުރުތަކުގައި އެސްޓްރޯނޯޓުންގެ ނަޖިސް، ކުޑަކަމުދާ ތަކެތި އަދި ހޮޑު ފަދަ ތަކެތި ރީސައިކަލް ކުރެވޭނެ ޓެކްނޮލޮޖީއެއް ތަރައްޤީ ކުރުމަށެވެ.
މިހާރު ހަނދުގައި އެޕޮލޯ މިިޝަންތަކުން ދޫކޮށްފައިވާ 96 ކޮތަޅު ނަޖިސް އެކުލެވޭ ކުނި ވާކަން ނާސާއިން ފާހަގަކޮށްފައިވެއެވެ. މި މުބާރާތުގެ މަޤްޞަދަކީ ޖައްވުގައި އިތުރުވަމުންދާ ކުންޏަށް އިތުރު އެއްޗެހި އިތުރު ނުކޮށް، ކުނި މެނޭޖްކުރެވޭނެ ގޮތެއް ހޯދުމެވެ. މި މުބާރާތުން ކާމިޔާބު ކުރާ ހުށަހެޅުން ބޭނުންކުރެވޭނީ ކުރިއަށް އޮތް މިޝަންތަކުގައެވެ. މީގެ ތެރޭގައި ހަނދުގައި ދިގު މުއްދަތަކަށް މަރުކަޒުތައް ޤާއިމުކުރުމުގެ ޕްލޭންތައްވެސް ހިމެނެއެވެ.
"ދެމެހެއްޓެއްޓެނިވި ގޮތެއްގައި ޖައްވު ތަޙްޤީޤު ކުރުމަށް ނާސާއިން ވަނީ ވަޢުދުވެފައެވެ. ކުރިއަށް އޮތް އިންސާނީ ޖައްވީ މިޝަންތަކަށް ތައްޔާރުވުމުގެ ގޮތުން، އެކި ބާވަތުގެ ކުނި މަދުކުރެވޭނެ ގޮތްތަކާއި، ކުނި ރައްކާކޮށް، ޕްރޮސެސްކޮށް އަދި ރީސައިކަލް ކުރެވޭނެ ގޮތްތަކަށް ވިސްނަން ޖެހޭ. މިގޮތުން ބިމަށް އަނބުރާ ގެންނަން ޖެހޭ ކުނީގެ މިންވަރު ވީހާވެސް މަދުކުރެވޭނެ،" ނާސާގެ ވެބްސައިޓްގައި ބަޔާންކޮށްފައިވެއެވެ.
މި މުބާރާތުން ބިމުގައި ރީސައިކަލް ކުރުމުގެ ދާއިރާއަށްވެސް ރަނގަޅު ނަތީޖާތަކެއް ލިބި، އައު އުކުޅުތަކެއް ތަޢާރަފުވެ، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެވޭނެ ކުދި ޓެކްނޮލޮޖީތަކެއް އުފެއްދުމަށް މަގުފަހިވާނެ ކަމަށް ނާސާއިން އުންމީދު ކުރެއެވެ.
ނާސާއިން މިހާރު ވަނީ ފުރަތަމަ ބުރުގައި ހުށަހެޅުނު ހުށަހެޅުންތައް މުރާޖަޢާކުރަން ފަށާފައެވެ. އެންމެ ރަނގަޅު އައިޑިއާތައް ހޮވައި، މުބާރާތުގެ ދެވަނަ ބުރަށް ގެންދެވޭނެއެވެ. މުބާރާތުން ކާމިޔާބުކުރާ ޓީމަށް 3 މިލިއަން ޑޮލަރުގެ އިނާމު ލިބޭނެއެވެ.