ކުޅިވަރު
އާސެނަލްއަށް ލީގުގައި އިތުރު ޕޮއިންޓުތަކެއް ގެއްލި ލިވަޕޫލްއަށް ފުރުސަތު ބޮޑުވެއްޖެ

މެޗުގެ ނަތީޖާ ހަމަހަމަކުރުމަށްފަހު ބްރެންޓްފޯޑުގެ ކުޅުންތެރިން އުފާފާޅު ކުރަނީ، ފޮޓޯ: ޕްރިމިއަރ ލީގު
އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ އާސެނަލް އާއި ބްރެންޓްފޯޑު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވުމުން، ލިވަޕޫލްއަށް އަވަހަށް ލީގު ޔަޤީންކުރެވޭނެ ފުރުސަތު ބޮޑުވެއްޖެއެވެ.
ރެއާލް މެޑްރިޑް 3-0 އިން ބަލިކުރިތާ 4 ދުވަސްފަހުން އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މި ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނެގުނީ މެޗު ފެށުނުތާ ގަޑިއެއްހާއިރު ފަހުންނެވެ. މެޗުގެ 61 ވަނަ މިނެޓުގައި ތޯމަށް ޕާޓޭ ކާމިޔާބުކުރި މި ގޯލަކީ، ބްރެންފޯޑުގެ ކޯނަރަކުން އާސެނަލް އުފެއްދި ކައުންޓަރ އެޓޭކެއްގައި، އާސެނަލްގައި މިވަގުތު ހުރި އެންމެ ވިދުން ގަދަ ތަރި ޑެކްލަން ރައިސް ފަހިކޮށްދިން ފުރުސަތެކެވެ.
ނަމަވެސް އޭގެ 13 މިނެޓު ފަހުން ބްރެންޓްފޯޑުގެ ޔޯން ވިސާ ވަނީ ބްރެންޓްފޯޑަށް ކުރިން ކުޅުނު ޑޭވިޑް ރާޔާ ފޫއަޅުވާލުމަށްފަހު މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
އާސެނަލްއިން ފަހު ހާފު ބުކާޔޯ ސަކާ އާއި މާޓިން އޮޑެގާޑް ކުޅެން ނެރުނު ނަމަވެސް، މި ނަތީޖާ އެ ޓީމަށް ބަދަލެއް ނުކުރެވުނެވެ.
އެހެންކަމުން، އާސެނަލް ޖެހިޖެހިގެން ދެ މެޗުން އެއްވަރުވެ ހަތަރު ޕޮއިންޓު ގެއްލުމުން، ލިވަޕޫލަށް ތަށި ޔަގީން ކުރުމަށް ދެން ބޭނުންވަނީ 9 ޕޮއިންޓެވެ. މިއީ ނަތީޖާތައް ނިކުންނަ ގޮތަކުން އެ ޓީމަށް މި އަންނަ ހަފްތާ ބަންދުގައި ވެސް ޔަގީން ކުރެވޭހާ ކައިރީގައި އޮތް ކަމެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މައިކަލް އާޓޭޓާ ބުނީ، މެޗުގެ ފުލް ކޮންޓްރޯލް އެ ޓީމަށް ލިބުނު ނަމަވެސް، ކޮޅަށް ވަނީ ވަދެގެން ވާނެކަހަލަ ގޯލެއް ނޫންކަމަށާއި، އެހެންކަމުން ނަތީޖާއާ ގުޅިގެން އޭނާ މާޔޫސްވެފައިވާ ކަމަށެވެ.