ކުޅިވަރު

އެސެންސިއޯ އަތުން ދެ ޕެނަލްޓީ ބޭކާރުވި ނަމަވެސް، މެޗު ކާމިޔާބުކޮށް ވިލާއިން ފަސްވަނައަށް

އެސެންސިއޯ އަތުން ދެ ޕެނަލްޓީ ބޭކާރުވި ނަމަވެސް، މެޗު ކާމިޔާބުކޮށް ވިލާއިން ފަސްވަނައަށް

އެސްޓަން ވިލާގެ ފުރަތަމަ ގޯލު ވޮޓްކިންސް ކާމިޔާބުކުރަނީ، ފޮޓޯ: ޕްރިމިއަރ ލީގު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޭޕްރީލު 2025، 07:36

13 އޭޕްރީލު 2025، 07:36

މާކޯ އެސެންސިއޯ އަތުން ފަހު ހާފުގައި ދެ ޕެނަލްޓީ ބޭކާރުވި ނަމަވެސް، ރެލިގޭޓުވެފައި އޮތް ސައުތެމްޕްޓަން 3-0 އިން ބަލިކުރުމަށްފަހު، ޖެހިޖެހިގެން ދެވަނަ ސީޒަނުގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުއްމީދު އެސްޓަން ވިލާއިން އާކޮށްފިއެވެ.

އެސްޓަން ވިލާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ، ދެވަނަ ހާފުގެ މެދުތެރެއިން މާކަސް ރަޝްފޯޑުގެ ބަދަލުގައި ކުޅެން ނިކުތް އޮލީ ވޮޓްކިންސްއެވެ. ޔޫރީ ޓީލަމަން ސެންޓަރ ސާރކަލްގެ ތެރޭގައި ހުރެފައި ސައުތެމްޕްޓަންގެ ޑިފެންސް ލައިންގެ ބޯމަތިން އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ ވޮޓްކިންސް ގޯލަށް ފޮނުވާލީ ފުއްމާލުމަށްފަހު އެއް ޓަޗުން، ގޯލު ކީޕަރު އާރޮން ރަމްސްޑޭލްގެ ބޯމަތިން ހިއްލާލުމަށްފަހުއެވެ. އެ ބޯޅަ ގޯލުގެ ތެރެއަށް ވަނީ ހުރަސް ދަނޑީގައި ވެސް ޖެހިފައެވެ.

މި ގޯލުގެ ކުރިން، ވޮޓްކިންސްއަށް ސައުތެމްޕްޓަންގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކަށް، ވިލާއަށް ލިބުނު ފުރަތަމަ ޕެނަލްޓީ ވަނީ ރަމްސްޑޭލް ދިފާއުކޮށްފައެވެ.

ވިލާގެ ފުރަތަމަ ގޯލަށްފަހު 6 މިނެޓުފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ޑޮންޔެލް މެލެންއެވެ. އޭނާ ވެސް ކުޅެން ނިކުތީ ވޮޓްކިންސްއާ އެކު ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ. 

ވިލާގެ ފަހު ގޯލަކީ، އެ ޓީމަށް މެޗުގެ އިތުރު ވަގުތުގައި ލިބުނު ދެވަނަ ޕެނަލްޓީ އެސެންސިއޯ ފޮނުވާލުމުން، ރަމްސްޑޭލް މި ޕެނަލްޓީ މަތަކުރުމަށް ޖައްސާލި ބޯޅަ ހޯދައި، ޖޯން މެކްގިން ކާމިޔާބުކުރި ގޯލެކެވެ. އޭނާ ވެސް ކުޅެން ނިކުމެފައި ވަނީ ދެވަނަ ހާފުގައެވެ.

މިއީ ޕްރިމިއާރ ލީގު މެޗެއްގައި، ބަދަލުކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ތިން ކުޅުންތެރިން ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. 

މެޗަށްފަހު ވާހަކަ ދައްކަމުން ވިލާގެ ކޯޗު އުނާއި އެމްރޭ ބުނީ، ބަދަލުކުޅުންތެރިން މެޗަށް ބޮޑު ބަދަލެއް ގެނައި ކަމަށެވެ. އަދި އެ ޓީމުން ފުރަތަމަ ހާފުގައި ޑޮމިނޭޓްކުރި ނަމަވެސް، ރަގަޅު ފުރުސަތެއް އެ ހާފުގައި ނުލިބުނުކަމަށް ބުންޏެވެ. އަދި ދެވަނަ ހާފުގައި ޓީމުން ދެއްކި ކުޅުމަށް ހިތްހަމަޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS